ޚަބަރު

ފްރީޒޯން ކުންފުނީގެ ސީއީއޯއަކަށް ކުރީގެ މާލީ ވަޒީރު ޑރ. ޝަފީޤް


  • ފްރީ ޒޯންކުންފުނީގެ ސީއީއޯއަކަށް އައްޔަންކުރެއްވީ މިދިޔަމަހުގެ 27ގައި

  • ފްރީ ޒޯން ކުންފުންޏަކީ ރައްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އުފައްދާފައިވާ ކުންފުންޏެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު އައްޔަންކުރައްވައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީގެ ޗެއަރމަންގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ޑރ. ޝަފީޤް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެކަން ޑރ. ޝަފީޤު ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރީގެ ޙަރަކާތްތައް އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނީގެ ނަމުގައި އުފެއްދި މި ކުންފުނިން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ ވިޔަފާރިކުރާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނި އުފައްދާފައިވަނީ ސަރުކާރު ހިއްސާވާ 5 ކުންފުންޏެއްގެ ހިއްސާ އޮންނަ ގޮތަށެވެ. އެއީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. އެކުންފުނީގެ ދަށުން މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި އިހަވަންދިޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ މަޝްރޫޢު ހިމެނެއެވެ.

އެޗްޑީއެފްސީގެ ބޯޑުން އެތަނުގެ ޗެއަރމަންގެ މަޤާމަށް ކަނޑައަޅުއްވާފައި ހުންނަވާ ޑރ. ޝަފީޤު މީގެކުރިން ވަނީ އެކުންފުނީގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އެގޮތުން، މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ އެޗްޑީއެފްސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަޤާމުގައެވެ.

މާލީ ވަޒީރުގެ މަޤާމަށް ޝަފީޤު އައްޔަން ކުރެއްވީ 17 ނޮވެމްބަރ 2023ގައެވެ. އެ މަޤާމުން އެމަނިކުފާނު އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.