ޚަބަރު

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އޮންނާނީ އަބަދުވެސް ތައްޔާރަށް: އިންޑިއާގެ ނައިބު ރައީސް


  • ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔާ ސަބާގެ ޗެއަރމަނާއި ބައްދަލުކުރައްވާފައި

ދިވެހިރާއްޖެއިން އެހީއަށްއެދޭ ކޮންމެވަގުތެއްގައިވެސް ވަގުތުން އެހީދޭން އިންޑިއާ އޮންނާނީ ތައްޔާރަށްކަމަށް އެ ޤައުމުގެ ނައިބު ރައީސް ޝްރީ ޖަގްދީޕް ދަންޚާރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގެ ޗެއަރމަންގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ޖަގްދީޕް ދަންޚާރު މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށްކަމަށް މަޖިލީޙުގެ އިދާރާއިން ވިދާޅުވެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށްވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރާޖްޔާ ސަބާގެ ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށްއެދޭ ކޮންމެވަގުތެއްގައިވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން މޯލްޑިވްސް – އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށްވެސް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދުގައިވާ މިއެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާޖްޔާ ސަބާގެ ޗެއަރމަން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާއިވެސް ބައްދަލުކުރައްވާފައެވެ.