ޚަބަރު

މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި 235 އުޅަނދެއް ފުލުހުން ޓޯވކޮށްފި


  • ޓޯވކުރި އުޅަނދުތަކުގެ ތެރޭގައި 201 ސައިކަލު ހިމެނޭ

  • 4 ފުރޮޅުލީ 31 އުޅަނދެއްވެސް ވަނީ ޓޯވކޮށްފައި

މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައިހުރި 200 އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯވކޮށްފިއެވެ.

މި އުޅަނދުތައް ފުލުހުން ޓޯވކޮށްފައިވަނީ "ރޯދަ ސާފު" މި ނަމުގައި މާލޭގެ މަގުތައް ސާފުކުރުމަށް މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިންނެވެ.

މި ހަރަކާތަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިސްވެ، 40 އަށްވުރެ ގިނަ މުއައްސަސާގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ފުލުހުން ވިދާޅުވީ، މިއަދު މާލޭގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން މަގުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދެއް ޓޯވކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ތެރޭގައި 201 ސައިކަލު، 4 ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލު ހިމެނެއެވެ.

މާލޭގެ މަގުތަކުގައި ހުރި ބާވެ ހަލާކުވެފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކެއް ފުލުހުން ޓޯވކޮށްފައިވާއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި "ޑީކޮންޖެޝަން ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 446 އުޅަނދު ނައްތާލާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ 378 ސައިކަލު، ހަތަރު ފުރޮޅުލީ 40 އުޅަނދު އަދި 28 ބައިސްކަލެވެ.