ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ "5 މިލިޔަން ގަސް" ޕްރޮގްރާމްގެ ދަށުން މިއަހަރު 2 މިލިޔަން ގަސް އިންދުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވަމުންގެންދާ "އަހާ ފޯރަމް"ގައި އާއްމު ފަރާތަކުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަށް ފެހިކޮށް ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައި 2 މިލިޔަން ގަސް އިންދުމަށް އަމާޒު ހިފާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަން އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި، "5 މިލިޔަން ގަސް" ޕްރޮގްރާމަށް ޚާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އެޕްލިކޭޝަނާއެކު، ގަސް އިންދިތަނާއި، ގަސް އިންދި ފަރާތް އެނގޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަހަރުވެސް މިބަލަނީ އެއް މިލިއަނަށްވުރެ ގިނަ ގަސް އިނދުމަށް. ޓާގެޓަކީ 2 މިލިއަން ގަސް އިންދުން މިއަހަރުގެ ތެރޭގައި. 5 އަހަރުވާއިރު 5 މިލިއަން ގަސްއިންދިގެންދާނެ އިރާދަކުރެއްވިއްޔާ." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ސަރުކާރުން "5 މިލިޔަން ގަސް" ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެންނެވެ. މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު ހަތަރު ލައްކަ ފަންސާސްހާސް ގަސް އިންދާފައިވާއިރު، 4 މިލިޔަން ގަސް އިންދުމަށްވަނީ ޕްލެޖްކޮށްފައެވެ. މިޕްރޮގްރާމްގެ ދަށުން 90 ބާވަތެއްގެ ގަސް އެތެރެކޮށް އިންދުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.