ޚަބަރު

ފީނުދައްކާނަމަ ބިދޭސީންނާގުޅޭ ޚިދުމަތްތައް ނުދޭނެކަމުގެ އިންޒާރު އަނެއްކާވެސް ދީފި


  • ފީތައް ނުދައްކާނަމަ އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލާނެ

  • ދައުލަތަށް ލިބެންޖެހޭ 600 މިލިޔަން ރުފިޔާ އަދިވެސް ނުލިބޭ

ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލާނެކަމުގެ އިންޒާރު އަނެއްކާވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދެއްވައިފިއެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޢާންމުކުރި އިޢުލާނެއްގައި ވަނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ، ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، އައު ސައިޓް ރަޖިސްޓްރޭޝަން، އައު ކޯޓާ ޕޫލް އަދި އައު ވަރކް ޕަރމިޓް ދޫނުކުރާނެކަމަށެވެ. ނަމަވެސް ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް މި ދެންނެވުނު ފިޔަވަޅުން އިސްތިސްނާވާނެ ކަމަށް ވެސް އެ އިޢުލަނުިގައިވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރާކަމަށް ދާޚިލީ ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވެއެވެ. ދާޚިލީ ވަޒީރު ވިދާޅުވީ މިހާރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފީ ލައްކައަކަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކަށް ޚަލާސްކުރަން އެކި މުއްދަތުތައް މީގެކުރިން ދީފައިވެއެވެ. ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.