ޚަބަރު

އެމްބާޕޭގެ ހެޓްރިކާއެކު ސިޓީ ބަލިކޮށް ރެއާލް ދެވަނަ ބުރަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕްލޭއޮފް ގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ ހެދި ހެޓްރިކާއެކު 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ ލެގުގައި މި ދެޓީމު ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފައިވާއިރު ރޭގެ ނަތީޖާ އާއިއެކު މެޑްރިޑަށް ކުރި ލިބިފައިވަނީ 6-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 33 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ބެންޗުން ފެނިގެން ގޮސްފައިވާ މި މެޗުގައި ހާލަންޑު ނެތްތަން ފޫބެއްދުމަށް ކުޅެފައިވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު މިސްރުގެ ފޯވަޑް އުމަރު މަރްމޫޝް އެވެ.

ބާސެލޯނާގެ ކޯޗަކަށް ޕެޕް ގަޑިއޯލާ ހުރިއިރު ބަރނަބިއު ސްޓޭޑިއަމްގައި ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވާއިރު ރޭގެ މެޗަށް އޭނާ ރެއާލް މެޑްރިޑާޢި ދެކޮޅަށް ނިކުތްއިރު މެންޗެސްޓަރ ސިޓީ އޮތީ ދަތި އުނދަގޫ ހާލަތެއްގަ އެވެ. ފަހަކަށް އައިސް އެ ޓީމުގެ ފޯމު ގެއްލިފައިވާއިރު އެކަމުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ދުވަސްކޮޅެއްގައި މި ދަނޑުގައި މެޗެއް ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ހުދު ގަޑިއޯލާ ވެސް ވަނީ ބުނެފަ އެވެ.

މި މެޗުގައި އެމްބާޕޭ ތިންވަނަ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ފެޑެރީކޯ ވަލްވާޑް ދިން ބޯޅައަކުން ގޯލުގެ ތެރެއަށް ރިރިން ފޮނުވާލައިގެންނެވެ.

މިއީ ފާއިތުވެދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުން މެންޗެސްޓަރ ސިޓީ އެންމެ އަވަހަށް ކަޓާފައިވާ ފަހަރެވެ. 13-2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުން އެ ޓީމު ކަޓާފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުންނެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީ އަށް ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ނިކޯ ގޮންޒަލޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މުބަރާތުގެ ދެވަނަ ބުރުގައި ޓީމުތައް ވާދަކުރަން ޖެހޭ ޓީމުތައް ކަނޑައެޅިގެން ދާނީ މާދަމާ ބާއްވާ ގުތުއަތުލުމަށްފަހުގަ އެވެ.