ޚަބަރު

ޔޫގަންޑާ މުބާރާތުގެ ކުއާޓާއަށް ރިވައިވަލްގެ ޑަބަލްސް ދެ ޕެއާވެސް ދަތުރުކޮށްފި


ޔޫގަންޑާ އިންޓަނޭޝަނަލް ޗެލެންޖް 2025 ގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ރިވައިވަލް ސްޕޯޓްސްގެ އަންހެން އަދި ފިރިހެން ޑަބަލްސް ޕެއާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމަހުގެ 23 ގެ ނިޔަލަށް ކުރިއަށދާ މުބާރާތުގެ އަންހެން ޑަބަލްސް ކެޓަގަރީގައި ރާއްޖެ ތަމްސީލުކުރަނީ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އެވެ. އަދި ފިިރިހެން ޑަބަލްސްގައި ވާދަކުރަނީ އަޙްމަދު ނިބާލް އާއި ހުސެއިން ޒަޔާން ޝަހީދު ޒަކީގެ ޕެއާއެވެ.

ކުއާޓާ ފައިނަލަށް ނަބާހާ އާއި ނަބީހާގެ ޕެއާ ދަތުރުކުރީ ގަދަ 16 ބުރުގައި އިންޑިއާގެ ޕްރަނިކާ އާއި މަނީޝާގެ ޕެއާ އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެއީ 21-17 އަދި 21-19 އިންނެވެ. އަދި ފިރިހެން ޑަބަލްސްގެ ކުއާޓާއަށް ނިބާލް އާއި ޒަޔާންގެ ޕެއާ ދަތުރުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ގަހްތާން އާއި ޔަޒާންގެ ޕެއާ އާއި ވާދަކޮށް 21-16 އަދި 21-16 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ނިބާލް އާއި ޒަޔާންގެ ޕެއާ ބައްދަލުކުރާނީ އިންޑިއާގެ ޑިންކޫ ސިންގް އާއި އަމާން މުޙައްމަދުގެ ޕެއާ އާއެވެ. އަދި ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ސްވިޒަލެންޑުގެ ލޫސީ އާއި ކެރޮލީންގެ ޕެއާ އާއެވެ.

ރާއްޖެއިން ޖުމްލަ ފަސް ކުޅުންތެރިން މި މުބާރާތުގައި ދަނީ ވާދަކުރަމުންނެވެ. އެގޮތުން ފިރިހެން ޑިވިޝަނުގައި ހިމެނެނީ ޒަޔާން ޒަކީ، ނިބާލް އަހުމަދު އަދި ހަސަން ޒަޔާން މުހައްމަދެވެ. އަދި އަންހެން ކުޅުންތެރިންނަކީ، އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އެވެ.

ވޭތުވެދިޔަ އަހަރު ރިވައިވަލް އިން ވަނީ ބޭރުގެ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ރީތިނަން ހޯދައިދީފައެވެ. އެގޮތުން ރިވައިވަލް އިން ވަނީ ވާދަކުރި އެފްރިކަން ޓުއާގައި ރާއްޖެއަށް 8 މެޑަލް މިދިޔަ އަހަރު ހޯދައިދީފައެވެ.