ޚަބަރު

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިޔަން ރުފިޔާ


  • މިދިޔަ އަހަރުތެރޭ 1.1 ބިލިޔަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވޭ

  • އަދި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 645 މިލިޔަން ރުފިޔާވަނީ ޚަރަދުކޮށްފައިވޭ

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ޑިސެމްބަރުމަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުތެރޭ 1.1 ބިލިޔަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. އަދި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 645 މިލިޔަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކުހުގެގޮތުގައި ނަގައެވެ.

1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު 6 އެމެރިކާ ޑޮލަރުގައި ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 12 އެމެރިކާ ޑޮލަރަށް މަތިވާނެއެވެ. އަދި 3 އެމެރިކާ ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް މަތިވާނެއެވެ. މީގެއިތުރުން އަންނަ އަހަރުން ފެށިގެން އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން އިސްތިސްނާކުރުމަށް ވަނީ ނިންމާފައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރިޗުމަހުއެވެ. އެގޮތުން އެމަހު 113 މިލިޔަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. ދެން އެންމެ ގިނައިން ގްރީން ފަންޑަށް ފައިސާ ޖަވާވެފައިވަނީ ޑިސެމްބަރުމަހުއެވެ. އެމަހު 109 މިލިޔަން ރުފިޔާ ފަންޑަށް ޖަމާވެފައިވެއެވެ.