ޚަބަރު

އެމްއައިބީއިން "ބިންގާ މާހެފުން" ނަމުގައި މާހެފުމެއް ބާއްވަނީ


  • މި މަހުގެ 22 ވަނަ ދުވަހު މި މާހެފުން އޮންނާނީ މާލެ އެކުވެނި ސަރަހައްދުގައި

  • މާހެފުން އޮންނާނެ ގަޑިތަކަކީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް

މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީއިން އެ ބޭންކުގެ ކުޑަކުދިންނަށް ހާއްސަ އެކައުންޓު ކަމަށްވާ ބިންގާ އެކައުންޓް ކަސްޓަމަރުންނަށް ޙާއްސަކޮއްގެން މާހެފުމެއް ބާއްވަން ނިންމައިފިއެވެ. މި މަހުގެ 22 ވަނަ ދުވަހު މި މާހެފުން އޮންނާނީ މާލެ އެކުވެނި ސަރަހައްދުގައި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މި މާހެފުމުގައި ބިންގާ ކަސްޓަމަރުންގެ އިތުރުން ކަސްޓަމަރުން ނޫނަސް ހުރިހާ ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް އެބޭންކުން މައުލޫމާދެއެވެ.
މި މާހެފުމުގެ ހަރަކާތުގައި ވަރަށް ހާއްސަ އިތުރު ކަންކަންވެސް ވަނީ ހިމެނިފައެވެ. އެގޮތުން ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާގެ ހާއްސަ "އާސްކް ޑރ ޒެކް" އިވެންޓުގައި ކުދިންނަށް ދީނީ އެކި މައުލޫމާތު ދެއްވާނެއެވެ.

އާސްކް ޑރ ޒެކް ގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް އޮންނާނެއެވެ. އެމްއައީބީގެ ބިންގާ އެކައުންޓަކީ އެބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފްކުރި އެކައުންޓެކެވެ. މި އެކައުންޓުގައި ކޮންމެ ކުއްޖަކަށްވެސް 3 އެކައުންޓު ލިބޭނެއެވެ. އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކާއި ބިންގާ ސޭވިން އެކައުންޓަކާއި ބިންގާ އިންވެސްޓް އެކައުންޓެކެވެ.

އެމްއައިބީއިން ވިދާޅުވީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކީ ކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެއްކަމަށެވެ. އެގޮތުން މި އެކައުންޓުން ކުދިންނަށް 7 އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިންއަށް އެކްސެސް ލިބޭނެއެވެ. ބިންގާ ސޭވިން އެކައުންޓަކީ ކުދިން ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނަވަން ވަރަށް އެކަށޭނަ އެކައުންޓެކެވެ.

މި އެކައުންޓަކީ ކުރުމުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެއް ކަމަށާއި، ބިންގާ އިންވެސްޓްމަންޓް އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެއްކަމަށް އެމްއައިބީއިން ވިދާޅުވެއެވެ. އެގޮތުން ކުއްޖާއަށް 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުންފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެއެވެ.

އެމްއައިބީއިން ދެކެނީ މި އީޖާދީ ބަދަލާއިއެކު ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެކަމަށެވެ. އެމްއައިބީއިން ހިންގާ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީވެސް އެކަމަށް ބާރު އެޅުންކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.