ނ.މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓިސީސީން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިއީ 29.85 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީން ވިދާޅުވީ، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ އޭޕްރަން ސީ އާއި ޑީ، އަދި ޓެކްސީވޭ ސީ އާއި ޑީގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް ވެއަރިން ކޯސްއެއް އެޅުމާއި 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނޭނެކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ.
މާފަރު އެއަރޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ރަންވޭގެ ދިގުމިން 2800 މީޓަރަށްވަނީ ބޮޑުކޮށްފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސުމުގެ ޤާބިލުކަން ވަނީ ލިބިފައެވެ.
1250 މީހުންގެ އާބާދީއެއް އޮންނަ މާފަރުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަންނަނީ އެއަރޕޯޓްގައި ވަޒީފާ އަދާކުރަމުންނެވެ. މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވެގެންދާނެއެވެ. އަދި މި މަޝްރޫޢު ނިމުމުން މި އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެން ދާނެކަމަށްވެސް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޤައުމީ އެއަރލައިން ހިންގާ، އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން އޮޕަރޭޓްކުރާ އެއަރޕޯޓެކެވެ.