މިދިޔަ ހަފްތާގައި 302 މަސް ދޯންޏަކަށް މިފްކޯއިން 27.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 302 މަސް ދޯންޏަކުން މަސް ކިރުވާފައިވާއިރު، މި އަދަދު އޭގެ ކުރީ ހަފްތާގައި ހުރީ 218 ގައެވެ.
ސަރުކާރުގެ މަސް ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި 31.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިމަހުގެ މިހާތަނަށް މިފްކޯއިން މިވަނީ މަސްވެރިންނަށް 97.3 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރުމަހާއި އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެންބަރުމަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.
މިމަހުގެ 12 ވަނަ ދުވަހަކީ ފަހުގެ ތާރީޙެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވި ދުވަހެވެ. އެގޮތުން އެދުވަހު 546 ޓަނުގެ މަސް ކިރުވާފައިވެއެވެ. އަދި އެދުވަހު، މިފްކޯއިން ވަނީ މަސްވެރިންނަށް 48 ދޯންޏަކަށް 7.6 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.