ޚަބަރު

ސަރުކާރުން ގެންނަމުންދާ ބަދަލުތަކާއިއެކު މަސްވެރިކަމަށް އައު ދިރުމެއް ލިބިއްޖެ: ވަޒީރު ޝިޔާމް


  • ޒުވާނުން އަނބުރާ މަސްވެރިކަމާއި ގުޅިފައިވާ ކަމަށް ވަޒީރު ވިދާޅުވި

  • ގަވާއިދުން ފައިސާ ލިބުމަކީ މުޅި ސިނާއަތަށްވެސް ލިބިގެންދާ ކުރިއެރުމެއް

ކިރާ މަހަށް ގަވާއިދުން ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަމާއި އެކު މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުން މިހާރު އިތުރުވެފައިވާކަމަށާއި މިއާއެކު މަސްވެރިކަމުގެ މުޅި ސިނާއަތަށްވެސް އައު ދިރުމެއް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވީ އިންޓަރވިއުއެއްގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ލިބޭނެ ސިނާއަތެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު މި ސިނާއަތް ކުރިއެރުވުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިން އަތުން މަސް ގަތުމަށްފަހު މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ހުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރި މަސައްކަތުން މިވީ މުއްދަތުގެތެރޭގައި ކުރެވުނު މަސައްކަތުން މަސްވެރިންނަށް މިހާރު ގަވާއިދުން ފައިސާ ދޭން ފަށާފައިވާ ކަމަށާއި، މިއާއެކު މަސްވެރިކަމަށް އައު ދިރުމެއް ލިބިފައިވާކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.

"މިއަދު މި ފެންނަ މަންޒަރަކީ މަހަށްދާ މަސްވެރިން އިތުރުވެފައިވާތަން، ޒުވާނުންވެސް އަނބުރާ މަސްވެރިކަމަށް އަންނަ މަންޒަރު ފެނޭ، ވަރަށް ބޮޑަށް ކޮމިނިއުޓީތަކަށް މިކަމުގެ ފައިދާ ލިބޭތަން ފެނިގެން މިދަނީ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ރަނގަޅުކަން ފާހަގަކުރައްވާ ވަޒީރު ޝިޔާމް ވިދާޅުވީ، ކޮންމެ ދުވަހެއްގައި މިފްކޯއަށް އެވްރެޖްކޮށް 450 ޓަނުގެ މަސް ކިރުވާކަމަށެވެ. އަދި ކޮންމެ ދުވަހެއްގައި މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ނޫނީ 6 މިލިޔަން ރުފިޔާ ދޫކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް އުޖާލާ ދުވަސްވަތެކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަހަރު މަސްވެރިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ، މި މަޝްރޫޢުތައް ނިމުނީމައި، ކުރިއަށް އޮތް 50 ނޫނީ 60 އަހަރަށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރުތެރޭ ކުރިއަށްދާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ގދ. ފިޔޯރީގައި މަސްކާރުހާނާއެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކޮށް، 2 މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަސައްކަތުގެ ދަށުން މަސްކިރާ ކާރުހާނާގައިި 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖްއެއް ތަރައްޤީކުރާނެއެވެ. އަދި 100 ޓަނުގެ ފިޝް މީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ކާރުހާނާގައި ހުންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4000 ޓަން އިތުރުކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8500 ޓަނެވެ. ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވަޢުދަކީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމެވެ. އަދި މިހާރުގެ އަމާޒަކީ 3 ގުނަކޮށް ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު މީގެކުރިންވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ. ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ސަބަބުން ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރު ކުރާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.