ޚަބަރު

ރަމަޟާން މަހަށް ޚާއްސަކޮށްގެން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާސް އިންސްޕެޝަނެއް ފަށައިފި


  • މި އިންސްޕެކްޝަން ކުރިއަށްދާނީ މިއަދު ހެނދުނު 9:00އިން ފެށިގެން 16:00އަށް

  • މި ހަރަކާތް މާލޭއާއި އަތޮޅުތެރޭގައިވެސް ކުރިއަށްދާނެ

ރަމަޟާން މަހާއި ދިމާކޮށް ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާސް އިންސްޕެޝަނެއް ފަށައިފިއެވެ.

މިއީ ސިއްޙަތާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް މިއަދު ހެނދުނު 9:00 އިން ފެށިގެން 16:00 އަށް މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އިންސްޕެކްޝަން ހަރަކާތަކީ ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެއްޗަކީ ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ޞިއްޙީ ގޮތުން ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތަކަށް ބުޅާ އަދި މިދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތް ބެލެވިގެންދާނެކަމަށެވެ. އަދި ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެއިރުޝާދާއި އެއްގޮތަށްތޯ ބެލުމާއި، މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް، ގުދަން ކޮށްފައިވާ ގޮތްވެސް ބެލެވިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރުގެ މޭމަހުގެ 23ވަނަ ދުވަހު ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނެއް ތަސްދީޤުކުރައްވާފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށައިފައިވަނީ 23 އޮގަސްޓް 2024 އިން ފެށިގެންނެވެ.

ކާބޯތަކެތި ރައްކާތެރިކުރުމާއި ބެހޭ މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދަނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މި ޤާނޫނުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނެއް މިޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ޚިދުމަތްދިނުމަށް ކަނޑައެޅިފައިވާއިރު، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.