ޚަބަރު

ޔޫކްރެއިނުގެ ސުލްޙައަށްޓަކައި ރައީސްކަމުން އިސްތިޢުފާ ދެއްވަން ޒެލެންސްކީ ތައްޔާރު


ޔޫކްރެއިނުގައި ސުލްޙަ ޤާއިމުކުރުމުގެ ބަދަލުގައި، ރައީސްކަމުގެ މަޤާމު ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

"ޔޫކްރެއިނަށް ސުލްޙަ ގެނައުމުގެ އަގަކީ އަޅުގަނޑުގެ މަޤާމު ކަމަށްވާނަމަ، އެކަން ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒެލެންސްކީ ވިދާޅުވިއެވެ.

"އަދި ނޭޓޯގެ މެމްބަރުކަން [ޔޫކްރެއިނަށް] ދިނުމުގެ ޝަރުތަކީ ވެސް އެކަމަށް [އިސްތިޢުފާ] ވާނަމަ، އަޅުގަނޑު ހަމަ ވަގުތުން އެކަން ކުރާނަން."

ޒެލެންސްކީއަކީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި ސިފަ ކުރައްވައި, އަވަސް ފިޔަވަޅުތައް އަޅުއްވައިގެން ނޫނީ ޔޫކްރެއިންގެ އިސްގިޤުލާލު ރައްކާތެރި ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ ޔޫކްރެއިނާއި ރަޝިޔާއާ ދެެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުންދާ ހަނގުރާމަ ފަށާފައި ވަނީ ޔޫކްރެއިނުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އެއާއެކު ރަޝިޔާއަށް ފައިދާވާ ގޮތަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް ޔޫކްރެއިނަށް ވާގިވެރިވާ ވިލާތުގެ ޤައުމުތަކުގެ މެދުގައި ވަނީ އިތުރުވެފައެވެ.

ޒެލެންސްކީއަކީ ޣައިރުޤާނޫނީ ވެރިއެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފެބްރުވަރީ 2022ން ފެށިގެން ޔޫކްރެއިންގައި ކުއްލި ޙާލަތު އިޢުލާނު ކޮށްފައިވާތީ ޒެލެންސްކީގެ ފަސް އަހަރުގެ ދައުރު 2024ގައި ހަމަވުމުން ވެސް ވެރިކަމުގައި ޒެލެންސްކީ ދެމި ހުންނެވީމަައެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށް އެ ޙާލަތުގައި އެ ޤައުމުގައި ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެއެވެ.

"އަޅުގަނޑަކީ ކުރިއަށް އޮތް 10 އަހަރު ވެރިކަމުގައި ހުރެވޭނެ މީހެއް ނޫން. ނަމަވެސް، ޔޫކްރެއިނުގެ ސަރަޙައްދުތަކުގެ މައްޗަށް ޕޫޓިންގެ ބާރު އޮންނާކަށް ފުރުޞަތެއް ނުދޭނަން،" ރަޝިޔާގެ ރައީސް ވްލޮޑިމިޔަރ ޕޫޓިންއަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވިއެވެ.

ޓްެރަމްޕް ވަނީ ޔޫކްރެއިންގެ ރައްޔިތުންގެ މެދުގައި ޒެލެންސްކީގެ މަޤުބޫލުކަން ދަށަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ގޮތުން ޢާންމުންގެ މެދުގައި އޭނާގެ މަޤުބޫލުކަން މިހާރު ހުރީ ހަތަަރު އިންސައްތައިގައި ކަމަށް ޓްެރަމަޕް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ޓްރަމްޕް އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވުމުގެ ބަދަލުގައި، ޒެލެންސްކީ ވިދާޅުވީ ޓްރަމްޕަށް ގޯސް މަޢުލޫމާތުތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެމެރިކާ އާ އެކު ގާތްގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް ޒެލެންސްކީ މިއަދު ވެސް ވަނީ ތަކުރާރުކުރައްވައިފައެވެ.

މިގޮތުން، ބޭނުންވަނީ ޔޫކްރެއިނާއި ރަޝިޔާ އާ ދެމެދު އެމެރިކާއިން މެދުވެރިއެއްގެ ރޯލު އަދާކުރަން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ސަރަޙައްދުގެ 20 އިންސައްތަ ފޭރިގަނެފައެވެ. ރަޝިޔާއިން އެ ހަނގުރާމަ ފަށާފައި ވަނީ ޔޫކްރެއިނުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު, ނޭޓޯގެ މެންބަރަކަށް ވުމަށް މަސައްކަތް ކުރަމުންދާތީ އެއީ ރަޝިޔާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ފަށާފައިވާ ޚާއްޞަ އޮޕަރޭޝަނެއްގެ ގޮތުގައެވެ. ހުޅަނގުގެ ޤައުމުތަކުން ބުނަމުން ދަނީ އެ ޢަމަލަކީ ނުހައްޤުން ބައެއްގެ ބިން ފޭރުން ކަމަށެެވެ.