ޚަބަރު

ޗަލޮބާ ހަފުތާއަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް


ޗެލްސީގެ ޑިފެންޑަރު ޓްރެވާ ޗަލޮބާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ހަފުތާއަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަން އާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނެފައިވަނީ ޗަލޮބާގެ އަނިޔާ އާއި ގުޅޭ ގޮތުން ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އަދި އޭނާ އެއްކޮށް ރަގަޅުވެ ކުޅުމުގެ ތެރެއަށް އަންނަން ހަފްތާ އަކާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

ޗަލޮބާ އަށް އަނިޔާ ވެފައިވަނީ ޕްރިމިއާ ލީގުގައި މި ހަފްތާގައި އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވި މެޗުގަ އެވެ.

އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ގޯލުކީޕަރު ޖޯގެންސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެސްޓަން ވިލާއިން ލަނޑެއް ޖަހާ މެޗުން މޮޅުވިއިރު މަރެސްކާ ބުނެފައިވަނީ ކީޕަރަށް އެ މެޗުގައި ގޯހެއް ހެދުނު ނަމަވެސް އަދިވެސް އޭނާގެ އެއްވަނަ ކީޕަރަކީ ޖޯގެންސަން ކަމަށެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާއިރު ސައުތެމްޓަން އާއި ދެކޮޅަށް ކުޅޭ މެޗަކީ އެ ޓީމަށް ވަރަށް މުހިންމު މެޗެކެވެ. މަރެސްކާ ބުނެފައިވަނީ ސައުތެމްޓަން ތާވަލުގެ ފުލުގައި އޮތް ނަމަވެސް އެ ޓީމަކީ އުނދަގޫ ޓީމެއް ކަމަށާއި އެކަން މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް އެ ޓީމު ކުޅުނު މެޗުންވެސް ފެނިގެންދިޔަ ކަމަށެވެ.

ޗެލްސީ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު އެ ޓީމުގެ ކުރިއަށް ކުޅޭ ނިކޮލަސް ޖެކްސަން އަށް ލިބުނު އަނިޔާ އާއިއެކު ލަނޑު ޖެހުމަށް އެ ޓީމަށް ވަނީ އިތުރު މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

އަދި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކޯލް ޕާމާ އަށް މި ސީޒަނުގައި ރަގަޅު ކުޅުމެއް ދެއްކިފައިނުވާތީ އެކަމާއި ގުޅޭ ގޮތުން މަރެސްކާ ބުނެފައިވަނީ ވަކި ކުޅުންތެރިއަކާއި މެދު ވިސްނުމުގެ ބަދަލުގައި އޭނާގެ ވިސްނުން ހުރީ މުޅި ޓީމުގެ ކުޅުން ރަގަޅުކޮށް ނަތީޖާ ނެރުމަށް ކަމަށެވެ.

ކޯލް ޕާމާ އަކީވެސް އިންސާނަކަށް ވީއިރު ކޮންމެ މެޗެއްގައި އޭނާގެ ފަރާތުން އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން ހިތްހަމަ ނުޖެހުންތަކެއް ދަނޑު މަތީގައި ފެނިގެންދަނީ މެޗުތަކުން މޮޅުނުވާތީ ކަމަށްވެސް މަރެސްކާ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ކޯލް ޕާމާ ވަނީ ޕްރިމިއާ ލީގުގައި 26 ލަނޑު ޖަހާ 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.