އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ ރަމަޟާންމަހުގެ ކުރިން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރައްވާނެކަމަށް އެކި ފަހަރުމަތިން ދެންނެވިނަމަވެސް އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ކުރިން ލިސްޓު އާންމުކުރައްވާނެކަމަށް ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާ ރައީސް ވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ފްލެޓް ލިސްޓު އާންމުކުރާއިރު ހުރިހާ ތަފްޞީލެއްވެސް ވަރަށް ހާމަކަންބޮޑު ގޮތެއްގައި ފެންނަން ހުންނާނެކަމަށެވެ. އަދި މިކަމުގެ އިތުރު ތަފްޞީލު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ލިބިގެންދާނެކަމަށެވެ.
"ބާކީ މި ހަފްތާގައި މިއޮތީ 2 ދުވަސް. އަޅުގަނޑު ދެންނެވިން ރިޔާސީ ބަޔާނުގައި ރޯދައިގެ ކުރިން މި 4000 ފްލެޓުގެ ލިސްޓު އާންމުކުރާނަމޭ. ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓަރ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ލިސްޓު އާންމުކުރާގޮތަށް އޮތީ ހަމަޖެހިފައި. އެހެންވީމަ މި 4000 ފްލެޓަށް ކުރިމަތިލާފައިވާ ރައްޔިތުންގެ ތެރެއިން އެ ލިސްޓު ނިކުންނައިރުގައި އެނގޭނެ ހުރިހާ ތަފްޞީލެއް. އެ ލިބޭ ފަރާތްތަކާއި، ނުލިބޭ ފަރާތްތަކަށް ނުލިބުނީ ކީއްވެގެންކަން ވަރަށް ޓްރާންސްޕޭރެންޓްކޮށް އެނގޭނެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ވަޢުދުކަމަށާއި، އެ ވަޢުދު އެމަނިކުފާނު ފުއްދަވައިދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ފަދައިން މާލެއާއި އަތޮޅުތަކުގައިވެސް ހައުސިންގ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށެވެ. އަދި އެންމެ ކުޑަ ރަށުގައި ހުންނަ ރައްޔިތަކީވެސް އެންމެ ބޮޑު ރަށުގައި ދިރިއުޅޭ ރައްޔިތެކޭ އެންހަމަ ރައްޔިތެއްކަމަށާއި ޚިދުމަތް ދިނުމުގައިވެސް މި ޢަދަލުވެރިކަމާއި އިންސާފުވެރިކަން ޤާޢިމުކުރަން ބޭނުންވާކަމަށެވެ.
"ރައްޔިތުން ގާތަށް އައިސް އަޑުއަހާލީމަ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުން އަޅުގަނޑަށް އެނގޭނީ، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތިޔަ ބޭފުޅުންނަށް ލިބިލައްވާ ހިތްހަމަޖެހުމެއްވިއްޔާ. އަޅުގަނޑު ބޭނުންވަނީ މިގޮތަށް ގުޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ގާތުން ޚިދުމަތްކޮށް، ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްކުރަންކަން އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް ދަންނަވަން ބޭނުން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ހުރިހާވެސް އަމާޒެއްހުރީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އެގޮތުގައި ފުއްދުމަށްކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ތަރައްޤީގެ ކަންކަން ބާރު ދުވެލީގައި ކުރިއަށްދާނެ ދުވަސްތަކަކށް ވެގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.