ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމަށްޓަކައި "ބިލެތާ" ދިއުމުގެ ނަމުގައި ދިވެހި ސަޤާފީ ޙަރަކާތެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ފަށައިފިއެވެ.
މި މައުރަޒުގެ ދައުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވަން ފެށުމުގެ ގޮތުން، މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވާ ދައުވަތު މިއަދު ވަނީ މާލެ އަތޮޅުގެ ކައުންސިލާ ހަވާލުކޮށްފައެވެ. މި ދައުވަތު މާލެ އަތޮޅު ކައުންސިލަށް އެރުވުމަށްޓަކައި ބީސީސީން ކ. ގުޅީއަށް "ބިލެތާ" ގޮސްފައިވަނީ ޞަޤާފީ ޙަރަކާތްތަކާއެކުގައެވެ.
ބީސީސީއިން ވިދާޅުވީ މި މައުރަޒުގެ ދައުވަތު ދިނުމަށްޓަކައި ބިލެތާ ދިއުމުގެ ސަޤާފީ ޙަރަކާތަކާއެކު ފެށުމުގެ މަޤްޞަދަކީ، މި މައުރަޒަކީ ދިވެހީންނަށް ޚާއްޞަ އަދި މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒަށް ވުމުން، މިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލް ކުރުމާއެކު ދިވެހީން ޒަމާނުއްސުރެ ގެންގުޅޭ ދައުވަތު ދިނުމުގެ ޞަޤާފަތް ދިރުވައި އާލާކުރުންކަމަށެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ދައުވަތު ދޭން ފެށުމަށް ކ. ގުޅީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދައުވަތު މާލެ އަތޮޅު ކައުންސިލަށް އެރުވީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސިޔާޒެވެ.
ބީސީސީއިން ވިދާޅުވީ މި މައުރަޒުގެ ދައުވަތު ދިނުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދައުވަތު ލިބޭ ރަށުން އެ ދައުވަތު އެހެން ރަަަށަކަށް ދޭ ގޮތަށްކަމަށެވެ. އަދި އެހެން ރަށްރަށަށް ސަޤާފީ ގޮތަކަށް އެ ދައުވަތު ފޮނުވާގޮތަށްކަމަށެވެ.
މި މައުރަޒުގެ "ބިލެތާ" ދިއުމާބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސިޔާޒް ވިދާޅުވީ، މި މައުރަޒުގެ ދައުވަތު ރަމަޟާން މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ދިނުމަކީ އަމާޒެއްކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ރަަމަޟާން މަސް ނިމިގެންދާއިރު ހުރިހާ ރަށަކަށްވެސް މި ދައުވަތު ފެތުރިގެންދިއުން. އަދި ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދައުލަތުގެ ހުރިހާ އަތޮޅަކަށް ބީސީގެ ފަރާތުން ދެވިފައޮންނާނެކަމަށް އުންމީދުކުރަން" ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސިޔާޒް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެގުމާއި އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިންނެވެ. ބީސީސީއިން ވިދާޅުވީ މި މައުރަޒު ކުރިއަށްދާނީ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަމަށެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ފުޅާ ކުރުމުގެ މަޤްޞަދުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކުރައްވައި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ނަމުގައި ޚާއްޞަ މައުރަޒެއް ބޭއްވުމަށް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.