އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު 14 ވަނަ ސައުތު އޭޝިއަން ގޭމްސް 2026 ވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވުމަށް ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށާއި، އެ ގޭމްސް ބާއްވާނީ ޕާކިސްތާނުގެ ތިން ސިޓީއެއްގައި ކަމަށެވެ.
ގިނަ އެތްލީޓުންތަކެއް އިންތިޒާރުކުރަމުން އައި ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ޖެނުއަރީ 23-31 އަށް ބާއްވާނީ ޕާކިސްތާނުގެ އިސްލާމްއާބާދު، ފައިސަލްއާބާދު އަދި ލާހޯރުގައެވެ.
އެސްއޭއޯސީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ލާހޯރުގައި ބާއްވާފައިވާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެލެއްވީ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމް އާއި ސެކެއްޓްރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދެވެ.
އެންމެފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ނޭޕާލްގައެވެ. އެއީ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރާއްޖެއަށް ސައުތު އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިން އަހަރެވެ. ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރު އެލްތެޓިކްސް އިވެންޓުން 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑާއެކު ސާއިދު ވެފައިވަނީ ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ އަށެވެ. އެފަހަރު ރާއްޖޭގެ 216 އެތްލީޓުން 22 ކުޅިވަރެއްގައި ބައިވެރިވިއެވެ.
އަންނަ އަހަރު ބާއްވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ޖުމްލަ 27 ކުޅިވަރެއް ހިމެނުމަށް ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް މި ފަހަރު ބާއްވާނެ އިވެންޓްތައް ފައިނަލް ވެގެންދާނީ އަންނަ މަހުގެ ފަހުންނެވެ.
ރާއްޖޭން މިފަހަރު ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާނެ އެތްލީޓުން ކަނޑައެޅުމަށް ކަމާގުޅޭ އެސޯސިއޭޝަންތަކާއެކު ކުރިޔަށް އޮތް ދުވަސްތަކުގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ކަނޑައަޅުމަށް އެމްއޯސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ.