ކުޅިވަރު

ޝާހީނަށް ބެޓްސްމަނަށް އޮޅުވާލާކަށް ނޭނގެ: ވަސީމް އަކުރަމް


ޕާކިސްތާނުގެ ބާރު އުކުންތެރިޔާ ޝާހީން ޝާހް އަފްރީދީއަށް ބެޓްސްމަނުންނަށް އޮޅުވާލަން ނޭނގޭ ކަމަށް ބުނެ، ޕާކިސްތާނުގެ ލެޖެންޑް ވަސީމް އަކުރަމް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް އުކުންތެރިޔާ އަދި ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ވަސީމްގެ ފާޑުކިއުން އަމާޒުވީ އަމިއްލަ ގައުމުގައި ކުޅެމުންދާ ޗެމްޕިއަންސް ޓްރޮފީގެ ގްރޫޕް ސްޓޭޖުން ޕާކިސްތާން ކެޓުމުންނެވެ. ކުޅުނު ދެ މެޗުން ވެސް އެ ގައުމު ވަނީ ބަލިވެފަ އެވެ.

އުކުމުގެ އިތުރަށް ބެޓް ކުރުމުގައި ވެސް ކުޅަދާނަ ވަސީމް ބުނީ ޕާކިސްތާނުގައި މިވަގުތު ހުރި އެންމެ މަޝްހޫރު އުކުންތެރިޔާ އަށް އެނގެނީ އެންމެ ދެ ގޮތަކަށް ބޯޅަ އުކަން ކަމަށެވެ.

"އޭނާ އެއް ފެންވަރެއްގައި ބޯޅަ އުކާނެ ގޮތް ދަހެއް ނުކުރޭ. އޭނާ އަށް އެނގެނީ އެންމެ ދެ ގޮތަކަށް އުކަން. އެއީ ސީދަލަށް އުކަން ނުވަތަ ބެޓްސްމަނުގެ ފަޔަށް ބޯޅަ ފެނުޖެހޭ ގޮތަށް އުކަން އެކަނި. އޭނާ އަށް އަކަށް ނޭނގެ ބޯޅަ އަނބުރާލާފައި ބެޓްސްމަނަށް އޮޅުވާލާކަށް. ދުނިޔެ މިހާރު އޭނާ އުކާ ގޮތް ދަސްކޮށްފި. ބެޓްސްމަނުން މިހާރު ތައްޔާރުވެއްޖެ އޭނާގެ އުކުންތަކަށް ކުރިމަތިލާން. އޭނާ އަށް މިކަންކަން އެނގި އިތުރަށް ދަސްކުރަން ވެއްޖެ،" ވަސީލް އަކްރަމް ބުންޏެވެ.

1999ގެ ވޯލްޑްކަޕް ފައިނަލަށް ޕާކިސްތާން ގެންގޮސްދިން ކެޕްޓަން ބުނީ ޗެމްޕިއަންސް ޓްރޮފީގައި ޕާކިސްތާނުގެ އުކުންތެރިންގެ ފެންވަރު ހުރީ ކްރިކެޓްގެ އާދައިގެ ގައުމުތައް ކަމަށްވާ އޮމާނާއި ނޭޕާލް ފަދަ ގައުމުތަކާ އެއް ފެންވަރެއްގައި ކަމަށެވެ.

"ކޮންމެ 60 ބޯޅައަކުން ވިކެޓެއް ނެގެނީ. ޝާހީނަށް އެކަނި ބެލި ނަމަވެސް 10 އޯވަރުން އޭނާ އަށް ނެގެނީ އެއް ވިކެޓް. މިއީ ވަރަށް ގޯސް ހާލަތެއް،" ވަސީމް ބުންޏެވެ.

ހާއްސަކޮށް ބުރަކި އުކުމުގައި ދުނިޔެ ދެކެފައިވާ އެންމެ މޮޅު އުކުންތެރިޔާ ވަސީމްގެ އިތުރުން އެ ގައުމުގެ ކުރީގެ ލެޖެންޑުން ކަމަށްވާ ބާރު އުކުންތެރިޔާ ޝުއައިބް އަހްތަރާއި ކުރީގެ ކެޕްޓަން މުހައްމަދު ހަފީޒް ވެސް ވަނީ ޕާކިސްތާނުގެ އުކުންތެރިންނަށް ފާޑުކިޔައިފަ އެވެ.

"އުކުންތެރިންގެ ގޮތުގައި އިސްކޮށް މި ތިބީ ޝާހީން އާއި ނަސީމް ޝާހް އާއި ހާރިސް ރައޫފް. މި ތިން ކުޅުންތެރިން 2023ގެ އޭޝިޔާ ކަޕުގައި ވެސް ފެއިލްވީ. ދެން އައީ 50 އޯވަރުގެ ވޯލްޑްކަޕް. އޭގެ ފަހުން ޓުވެންޓީ20 ވޯލްޑްކަޕް. ދެން މިހާރު ޗެމްޕިއަންސް ޓްރޮފީ. މިއިން އެއްވެސް މުބާރާތެއްގައި މި ތިން އުކުންތެރިންނަށް އެމީހުންގެ ފެންވަރު ސާބިތުކޮށް ނުދެވުނު. މިހާރު މިއީ އެމީހުންނަށް ބޮޑު މުބާރާތެއްގައި ޕާފޯމް ނުކުރެވުނު ކަމަށް ނިންމަންވީ ވަގުތު،" ހަފީޒް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ޒުވާން ބޯލަރުން ކަމަށްވާ މުހައްމަދު އަލީ އާއި މިރް ހަމްޒާ އާއި ހުއްރަމް ޝަހްޒާދާއި މުހައްމަދު ވަސީމް އަދި އާކިފް ޖާވިދް ފަދަ ކުޅުންތެރިންނަށް ފުރުސަތު ދޭން ވެއްޖެ ކަމަށެވެ.

"ޒުވާން ކުޅުންތެރިން އެތިބީ ފުރުސަތު ނުލިބިފައި. އެމީހުންނަކީ ވެސް ޕާކިސްތާން މީހުން. އެމީހުންނަށް މިހާރު ގައުމީ ޓީމުން މަގާމެއް ހައްގު،" ހަފީޒް ބުންޏެވެ.

ޕާކިސްތާނުގެ އުކުންތެރިންގެ ތެރެއިން ޗެމްޕިއަންސް ޓްރޮފީގައި އެންމެ ގޯސް ކުޅުމެއް ދައްކާފައިވަނީ ވެސް ޝާހީނެވެ. ނިއުޒީލޭންޑާ ދެކޮޅަށް އޭނާ 10 އޯވަރު ނުވަތަ 60 ބޯޅަ އުކާފައިވާއިރު އިދިކޮޅު ބެޓްސްމަނުން ވަނީ 68 ލަނޑު ހަދައިފަ އެވެ. އިންޑިޔާއާ ދެކޮޅަށް 9 އޯވަރާއި ބައި އުކާފައިވާއިރު އިންޑިޔާގެ ބެޓްސްމަނުން 72 ލަނޑު ހެދި އެވެ.
ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕާކިސްތާން މުބާރާތުން ކެޓުމުން ކޯޗުންނާއި ސެލެކްޓަރުންނާއި މުޅި ޓީމު ވެސް ބަދަލު ކުރުމަށް ޕާކިސްތާނުގެ ކުރީގެ ލެޖެންޑުން ދަނީ ގޮވާލަމުންނެވެ.