އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގެ ޖޫނިއަރ ރޭންކިންގައި ސާފް ސަރަހައްދުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގެ ޖޫނިއަރ ރޭންކިންގައި ސާފްގެ ދެވަނަ ރާއްޖެއަށް ލިބޭ އިރު މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. އިންޑިއާގެ ކުޅުންތެރިއަކު ރޭންކިންގެ 7 ވަނައިގައި އޮތްއިރު ރާއްޖޭ އިސްރާ އާރާ އިބްރާހިމް ޝަފީއު ވަނީ ރޭންކިންގެ 9 ވަނައިގައެވެ.
އިންޑިއާ، ނޭޕާލް، ބޫޓާން، ޕާކިސްތާން، ސްރީލަންކާ އަދި ބަންގްލަދޭޝް އާއި އަޅާކިޔާއިރު މިއީ ރާއްޖޭއަށް ރޭންކިންގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. އޭޓީއެފް ޖޫނިއާ ރޭންކިންގެ ގަދަ 10 ގައި ރާއްޖޭގެ އިސްރާ ހިމެނިފައިވާއިރު މި ކުރިއެރުން ލިބިފައިމިވަނީ، އައިޓީއެފް އޭޝިއާ 12 އެންޑް ޔޫ ޓީމް ކޮމްޕެޓިޝަން - ސައުތު އޭޝިއާ ރީޖަނަލް ކޮލިފިކޭޝަން އިވެންޓުން ރާއްޖެ ހޯދި ނަތީޖާގެ ސަބަބުންނެވެ.
އޭޕްރީލް 13-17 އަށް ނޭޕާލްގެ ކަތަމަންޑޫގައި ކުރިޔަށް ދިޔަ މި ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ސްރީލަންކާ ޕާކިސްތާން، އަދި ނޭޕާލްއާއި ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.
އިސްރާ ވަނީ ސްރީލަންކާއާއި ދެކޮޅަށް ކުޅުނު ސިންގަލްސް މެޗު 6-2 ން އަދި 6-1 ން ކާމިޔާބުކޮށްފައެވެ. އަދި ޑަބަލްސްގައި އިސްރާއާއި ލަޔާރާ ވަނީ ޓައިބްރޭކްގައި ބަލިވެފައެވެ. އެހެންނަމަވެސް ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭން ވަނީ 3-0 ން ކުރިހޯދާފައެވެ. ޕާކިސްތާނާއި ދެކޮޅަށް އިސްރާ ކުޅުނު ސިންގަލްސް މެޗު އޭނާ ވަނީ 6-1 އަދި 6-4 ން ކާމިޔާބުކޮށްފައެވެ. ޑަބަލްސްގައި އިސްރާއާއި މަލަކާ މުހައްމަދު އަލީގެ ޕެއާއިން ވަނީ 6-1 އަދި 7-5 ން ޕާކިސްތާނުގެ ޕެއާ ބަލިކޮށްފައެވެ.
ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ އަންހެން ޓީމުން ނޭޕާލާއި ދެކޮޅަށް ނިކުތްނަމަވެސް ކާމިޔާބު ހޯދޭގޮތް ވަނީ ނުވެފައެވެ. ނޭޕާލް ރާއްޖެ އަތުން މޮޅުވީ 2-1 ންނެވެ. ނޭޕާލާއި ދެކޮޅަށް އިސްރާ ކުޅުނު ސިންގަލްސް މެޗު އޭނާ ވަނީ 6-1 އަދި 6-3 ން ކާމިޔާބުކޮށްފައެވެ.
މި ކޮލިފިކޭޝަންގައި އިންޑިއާއާއި ދެކޮޅަށް ކުޅުނު މެޗުތަކުން ރާއްޖޭގެ އަންހެން ޓީމު ވަނީ ބަލިވެފައެވެ.