ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭނާއެކު ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އާބާދީގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެކަން ކަށަވަރުކުރެވިގެންދާނެކަމަށް ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް މިހެން ވިދާޅުވީ 2025 އިން 2029 އަށް ކަނޑައަޅުއްވާ 5 އަހަރު ދުވަހުގެ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެވެ.
2025 އިން 2029 އަށް ކަނޑައަޅުއްވާ 5 އަހަރު ދުވަހުގެ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭނަކީ ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އިފްތިތާޙުކުރެއްވި މަގުޗާޓެކެވެ.
ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއީ ނަފްސާނީ ސިއްހަތުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާ މަގުޗާޓެއްކަމަށެވެ. އަދި މި ޕްލޭންގައި ހިމެނޭ ކަންކަން ރަނގަޅަށް ތަންފީޒުކުރެވިއްޖެނަމަ ނަފްސާނީ ސިއްހަތުގެ ނިޒާމް އިތުރަށް ހަރުދަނާވެ، ކުރިއަރައިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސިއްހީ ނިޒާމު ފުރިހަމަވާނީ ނަފްސާނީ ސިއްހަތާއި ގުޅޭ ކަންކަންވެސް އެ ނިޒާމުގެ ތެރޭގައި ހިމެނިގެންކަން މުޅި ދުނިޔެއިންވެސް މިހާރު ޤަބޫލުކުރާކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުގައި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް އިޝާރާތްކުރައްވައި، ރާވާފައިވާ ކަންކަމާއި، އެމަނިކުފާނުގެ ސިޔާސަތުގައި މިކަމަށް ދެއްވާފައިވާ ސަމާލުކަން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވި. މީގެން ރަމްޒުކޮށްދެނީ ރާއްޖޭގެ ސިއްހީ ނިޒާމު ބައްޓަންވެގެންދާނީ މެންޓަލް ހެލްތު އޭގައި ފުރިހަމައަށް ހިމެނިގެން، އެކްޝަން ޕްްލޭންގައި ހިމެނޭ ކަންކަން ފުރިހަމައަށް ތަންފީޒުވެގެންދާނެގޮތަށް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނަފްސާނީ ސިއްހަތުގެ ނިޒާމް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގައި ސަރުކާރުން ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤާއިމްކޮށްފައިވާ ޤައުމީ ހެލްޕް ލައިންގެ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި އެކްޝަން ޕްލޭނުން ރަމްޒުކޮށްދެނީ ދުޅަހެޔޮކަމުގެ މުހިއްމު ބައެއްގެ ގޮތުގައި ނަފްސާނީ ސިއްހަތު ކުރިއެރުވުމުގެ މުހިއްމުކަންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޕްރައިމެރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް އާބާދީގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ މި ޕްލޭންގެ މައިގަނޑު އެއް އަސާސް. ސިޔާސަތުތަކާއި، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމާއި ނަފްސާނީ ސިއްހީ މައްްސަލަތަކުގެ ސަބަބުން ހުންނަ ތަފާތުކުރުންތައް ކުޑަކުރަން ޕްލޭންގައި ހިމެނިފައިވާނެ. ހިދުމަތްތައް އަވަސްކުރުމާއި ބަލި ދުރާލާ ދެނަގަތުމާއި ބަލީގެ ކުރީކޮޅު ފަރުވާ ދެވޭނެ ގޮތްތައް ފަހިކުރުމާއި މުޖްތަމަޢު މިކަމަށް ވިލުންތެރިކުރަންވެސް މިޕްލޭންގައި ހިމެނޭ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މެންޓަލް ހެލްތަށް ހާއްސަ މަރުކަޒެއް ރާއްޖޭގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، އިންޑިއާގެ އެހީގައި ކުރިއަށްގެންދާ އެ މަޝްރޫޢު ފެށުމަށް ވާންޖެހޭ ތައްޔާރިތައް މިހާރު ވަމުންދާކަމަށެވެ. އަދި އަތޮޅުތެރޭގައިވެސް މި ޙިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ނަފްސާނީ ދުޅަހެޔޮކަމަކީ އާއިލާތަކާއި މުޖްތަމަޢުއާއި އަދި ޤައުމުގެ ކުރިއެރުމާވެސް ގުޅިފައިވާކަމެއް. ނަފްސާނީ ސިއްހަތަށް އިންވެސްޓްކުރުމަކީ ޤައުމުގެ އުފެއްދުންތެރިކަމަށް ކުރެވޭ އިންވެސްޓެއް. ޤައުމުގެ އިޤްތިޞާދަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެއްވުމަށް ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި އޮސްޓްރޭލިއާ ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދިި ސިއްހީ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމަށް ކުރަމުންދާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިރުޝާދާއި ހިތްވަރު ފާހަގަކޮށް، އެކަމަށްޓަކައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެކްޓިން ކަންޓްރީ ރެޕްރެޒެންޓޭޓިވް މިސް ޕޭޑަންއާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އެޑްވަޑް އެޑާއީއާއި ސިއްހީ ވުޒާރާގެ އިސްވެރިންނާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސިއްހީ ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.