ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ސީނިއަރ މެއިންޓަނަންސް އޮފިސަރ އާގިލް ޝަމީމް ނިޔާވެއްޖެއެވެ.
ޕީއެސްއެމްގައި ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދިޔަ އާގިލް ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ. އޮފީސް މަސައްކަތުގައި އުޅެނިކޮށް ދިމާވި ސިއްހީ މައްސަލައަކާއި ގުޅިގެން އާގިލް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިމަހުގެ 23 ދުވަހުއެވެ.
ޕީއެސްއެމްގެ ކޯޕަރޭޓް ސެކްޝަންގައި ސީނިއަރ މެއިންޓަނަންސް އޮފިސަރގެ މަގާމުގައި ހުރި އާގިލް ދައުލަތުގެ މީޑިއާގައި ހިދުމަތް ކުރަން ފެށީ މީގެ 29 އަހަރު ކުރިން 1996 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން ހިދުމަތާއި ގުޅުނު އާގިލް ވަނީ ދައުލަތުގެ މީޑިއާ ކުންފުންޏަކަށް ބަދަލުވިފަހުން އެމްއެންބީސީ، އެމްބީސީގައިވެސް މަސައްކަތްކުރައްވާފައެވެ.
އޮފީހުގެ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ހިތް ހެޔޮ، އަދި ބޭނުންވި ކޮންމެ ކަމެއްގައި އޯފީހުގެ ކޮންމެ މުވައްޒަފަކަށްވެސް އާގިލް ގެންދިޔައީ އޭނާއަށް ފޯރުކޮށްދެވުނު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
އޮފީހުގެ މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ އާގިލްއަކީ ޕީއެސްއެމްގެ އެކި ޕްރޮގްރާމްތައް ޝޫޓްކުރުމަށް ސްޓޫޑިއޯތައް ތައްޔާރުކުރުމުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާ މުވައްޒަފެއްކަން ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ. މީގެއިތުރުން އާގިލްއަކީ އޮފީހުގެ މަސައްކަތު މީހުންގެ ކަންކަމާއި އަދި އެނޫންވެސް މެއިންޓަނަންސާބެހޭ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރަމުންދިޔަ ހީވާގި މުވައްޒަފެކެވެ.
އާގިލް ނިޔާވުމުގެ ހިތާމައިގައި ޕީއެސްއެމްގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓުން ބައިވެރިވެ، އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމެވެ.