މި ރަމަޟާން މަހު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤު އިބްރާހީމް މިހެން ވިދާޅުވީ، މި ރަމަޟާން މަހުގެ ޕީކް ލޯޑް ހޭންޑަލްކުރުމަށް ހުޅުމާލޭގައި ސްޓެލްކޯއިން ބިނާކޮށްފައިވާ ވަގުތީ ފެސިލިޓީއަށް ޒިޔާރާތްކުރައްވާ މައުލޫމާތު ދެއްވަމުންނެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ހުޅުމާލޭގައި މިހާރު ޤާއިމުކޮށްފައިވާ ކަރަންޓު އުފައްދާ މަރުކަޒުތައް އިތުރަށް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާކަމަށެވެ. އަދި ގޮންޖެހުންތައް ހުރި ނަމަވެސް، އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގައި އެއްވެސް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ބޭނުމަކީ ރޯދަމަހު އެއްވެސް ވަރަކަށް ކަރަންޓު ނުކެނޑި މަސައްކަތްތައް ކުރުން. އެހެންވީމަ އެގޮތަށް ސްޓެލްކޯއިންނާއި ފެނަކައިންނާއި އަދި އެމްޑަބްލިއުއެސްއީއިން ކަރަންޓު ދެއްވާ ސަރަހައްދުތަކުގައި ކަރަންޓު ނުކެނޑޭ ވަރަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. އެހެންވީމަ އެއީ ވަރަށް ބޮޑު މަސައްކަތެއް. ދެން އެ މަސައްކަތުގަ މި ދެންނެވި ޔޫޓިލިޓީ ޕްރޮވައިޑާޒް ރެއާ ދުވާލު މަސައްކަތް ކުރައްވާ. އެހެންމަ އަޅުގަނޑު އެ މީހުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވަނީ އާންމުން ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަރަންޓުގެ އާލާތްތައް ކަމަށްވާ އޭސީއާއި، ދޮންނަމެޝިނާއި، އަވަންގެ އިތުރުން އިސްތިރި ފަދަ ތަކެތި ބޭނުންކުރާއިރު ސަމާލުވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
Had a tour of the temporary generator installation site by STElCO in Hulhumale with STELCO MD Mr Hussain Fahmee .
— Thoriq Ibrahim (@Thoriqibrahim) February 28, 2025
We’ve seen growing power demand in the Male’ region over the years. While the temporary powerhouse will provide an immediate relief and address this in the short… pic.twitter.com/2wzD2IArC2
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރަމަޟާން މަހާ ދިމާކޮށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑް ބޮޑުވަމުން ދާކަން ފާހަގަކުރެވިފައިވާއިރު، މިކަމަށް ވަގުތީ ހައްލެއް ލިބިފައިވީނަމަވެސް މިއަށްވުރެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް މާލެ ސަރަހައްދަށް އަލަށް 13 ޖަނަރޭޓަރ ސެޓް ގެނައުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އޭގެތެރެއިން ބައެއް ޖަނަރޭޓަރ ސެޓް ވަނީ މާލެ ގެނެސްފައެވެ. ސްޓެލްކޯއިން ވިދާޅުވީ މާލެ ސަރަހައްދަށް އަލަށް ގެންނަ ޖަނެރޭޓަރު ސެޓުތަކާއެކު ކަރަންޓު އުފައްދާ މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި އިތުރުކުރެވޭ މެގަވޮޓުތަކާއެކު އެއްވެސް ޝޯޓޭޖެއްނެތި ރަމަޟާން މަހު ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭކަމަށެވެ.