ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މާލެއަށް މިއަދު ހެނދުނުންސުރެ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިވަގުތު މާލޭގެ 4 ސަރަޙައްދެއްގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ފެން ހިންދުމުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މި މަސައްކަތުގައި މިވަގުތު 9 ޕަމްޕެއް ބޭނުންކުރަމުންދާކަމަށެވެ.
އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ 4 ސަރަޙައްދަކީ އައިޖީއެމްއެޗް ކައިރި، ވެސްޓް ޕާކު ސަރަހައްދު، ވިލިމާލޭ ފެރީ ޓަރމިނަލް ސަރަޙައްދުގެ އިތުރުން ސަލްމާން މިސްކިތް ކައިރީގައެވެ.
މީގެ ތެރެއިން އައިޖީއެމްއެޗާއި، ވެސްޓް ޕާކު ސަރަޙައްދުގައި ކޮންމެ ތަނެއްގައިވެސް 3 ޕަމްޕު ދަނީ ބޭނުންކުރަމުންނެވެ. އަދި ވިލިމާލޭ ފެރީ ޓަރމިނަލް ސަރަޙައްދުގައި 2 ޕަމްޕު އަދި ސަލްމާން މިސްކިތް ކައިރީގައި 1 ޕަމްޕު ބޭނުންކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، އާންމުންގެ ގޯތިގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކާ ވެލިބަސްތާ ޖެހުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިވެސް ގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.