މިދިޔަ އަހަރު އެކަނިވެސް 1800 އަށްވުރެ ގިނަ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ ތެރޭގައި ދަޢުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކެވެ.
ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ތަޙުޤީޤީ އިދާރާތަކުން ޕީޖީ އޮފީހަށް ޖުމްލަ 890 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގިނައިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި މައްސަލަތަކެވެ.
• މޯލްޑިވްސް ޕޮލިސް ސަރވިސް - 876 މައްސަލަ
• އެންޓި ކޮރަޕްޝަން ކޮމިޝަން - 9 މައްސަލަ
• މޯލްޑިވްސް ކަސްޓަމްސް ސަރވިސް - 1 މައްސަލަ
• ނޭޝެނަލް އިންޓެގްރިޓީ ކޮމިޝަން - 2 މައްސަލަ
• މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ - 2 މައްސަލަ
ޕީޖީ އޮފީހުގެ ފަރާތުން މިދިޔަ އަހަރު ކޯޓުތަކަށް ޖުމްލަ 1851 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 1464 މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ހުށަހަޅާފައިވަނީ ސުޕީރިއަރ ކޯޓުތަކަށެވެ. އަދި 387 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
• ކްރިމިނަލް ކޯޓު - 957 މައްސަލަ
• ޑްރަގް ކޯޓު - 446 މައްސަލަ
• ޖުވެނައިލް ކޯޓު - 61 މައްސަލަ
• މެޖިސްޓްރޭޓް ކޯޓުތައް - 387 މައްސަލަ
މިދިޔަ އަހަރު ޕީޖީ އޮފީހުން ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގައި ދަޢުވާ ލިބެނީ 113 އަންހެނަކަށާއި، 1738 ފިރިހެނަކަށެވެ. ދަޢުވާ ލިބޭ މީހުންގެ ޢުމުރުފުރާއަށް ބަލާއިރު، 18 އަހަރުން ދަށުގެ 2 ކުދިންނާއި، 18 އަހަރުން މަތީގެ 1849 މީހުން ހިމެނެއެވެ. މިދިޔަ އަހަރު ޕީޖީ އޮފީހުގެ ހެޑް އޮފީހުން ޖުމްލަ 62 ކޯޓަކަށް 1851 މީހުންގެ މައްސަލަ ހުށަހަޅާފައިވެއެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުމްލަ 133 ބާވަތެއްގެ މައްސަލައިގައި 1680 މީހުންގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.
އެގޮތުން އެންމެ ގިނައިން ދަޢުވާކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބާވަތަކީ ކެނެބިސް ބޭނުންކުރުމުގެ މައްސަލަތަކެވެ. މިދިޔަ އަހަރު އެކަނިވެސް ޖުމްލަ 269 މީހެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދަޢުވާ ވަނީ އުފުލާފައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މައްސަލަތަކެވެ. އެއީ 220 މީހުންގެ މައްޗަށެވެ. ތިންވަނަ އަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މައްސަލަތަކެވެ. މިބާވަތުގެ މައްސަލަތަކުގައި 178 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް މިދިޔަ އަހަރު ވަނީ ހުށަހަޅާފައެވެ.
2024 ވަނަ އަހަރުގެ ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުގައިވާގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެހެނިހެން އަހަރުތަކުގެ މައްސަލަތަކުގެ ކުށުގެ ބާވަތަށް ބަލާއިރު ޖުމްލަ 45 ބާވަތެއްގެ ކުށުގެ މައްސަލައިގައި 171 މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ. މީގެ ތެރޭގައި 5 އަންހެނުންނާއި، 166 ފިރިހެނުން ހިމެނެއެވެ. މިގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައިވެސް ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ބާވަތުގެ މައްސަލަތަކެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ތަޙްޤީޤީ އިދާރާތަކުން ޕީޖީ އޮފީހުގެ ހެޑް އޮފީހަށް ހުށަހަޅާފައިވާ އެ އަހަރުގެ މައްސަލަތަކުގައި ޖުމްލަ 1869 ފިޔަވަޅެއް ވަނީ އަޅާފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދަޢުވާކުރުމަށް ނިންމާ، ކޯޓުތަކަށް 1680 މީހުންގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. 35 މީހުންގެ މައްސަލަ ހެއްކާއި ޤަރީނާ ނެތިގެން އަނބުރާ ފޮނުވާލާފައިވާއިރު، 62 މީހުންގެ މައްސަލަ އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ވަނީ ފޮނުވާލާފައެވެ.
އެކި ސަބަބުތަކާހުރެ އަނބުރާ ފޮނުވާލާފައިވާ 38 މީހުންގެ މައްސަލަ ހިމެނޭއިރު، ނަސޭހަތުގެ ނުވަތަ އިޢުތިރާފްގެ އެއްބަސްވުމެއް ވުމަށްފަހު ޕީޖީ އޮފީހުގައި 22 މީހުންގެ މައްސަލައެއް ހިފަހައްޓާފައިވެއެވެ. އަދި އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަޙަތު ނެތިގެން 32 މީހުންގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.