ހަނގުރާމައިގެ ކުރިން ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ފާޠިމާ އަލް-އަބްސީއަށް ރަމަޟާން މަހަކީ އަޅުކަމާއި އިޖްތިމާޢީ ގުޅުންތަކުގެ މައްޗަށް ބިނާބެފައި އޮތް އުފާވެރި މަހެކެވެ. ޣައްޒާގެ ޖަބާލިޔާ ދިރިއުޅޭ ފާޠިމާއާއި އޭނާގެ ފިރިމީހާ ރަމަޞާން މަހަށް ތައްޔާރުވުމަށް ދެ މީހުން އެކުގައި ބާޒާރަށް ގޮސް, ޢާޢިލާއަށް ޒިޔާރަތްކޮށް މިސްކިތަށް ގޮސް އުޅުނެވެ.
ނަމަވެސް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ޔަހޫދީން ޣައްޒާގައި ފެށި ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ފާޠިމާގެ ދިރިއުޅުން މިއަދު މި ވަނީ އެ ފެށް މި ފުށަށް ޖެހިފައެވެ. މި އަހަރުގެ ރަމަޟާން މަސް ފާޠިމާއަށް ހޭދަ ކުރަން ޖެހިފައި ވަނީ މާޔޫސްކަމާއި އެކަނިވެރިކަމުގެ ތެރޭގައެވެ. އޭނާގެ ލޮބުވެތި ފިރިމީހާއާއި ދަނބިދަރިފުޅު ވަނީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުވެފައެވެ. އޭނާ ދިރިއުޅޭ ގެ ވަނީ ވީރާނާވެ ސުންނާފަތިވެފައެވެ. ރަމަޟާން މަހު ޢާދަވެ ނަމާދަށް އަރާ މިސްކިތް ހުރީ ބިމާ ހަމަވެފައެވެ.
“އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުވެއްޖެ. މިއަދު އަހަރެންގެ ފިރިއެއް ނެތް, އުޅޭނެ ގެއެއް ވެސް ނެތް. ކާނެބޯނެ ރަނގަޅު ކާނާއެއް ވެސް ނުލިބޭ.. މިއީ ދިއިރުޅުމެއް ނޫން,” ފާޠިމާ ބުންޏެވެ.
ފާޠިމާއާއި ފާޠިމާފަދަ ޣައްޒާގައި ދިރިއުޅޭ އެ ސަަހަރުގެ އެހެން ރައްޔިތުންނަށް ރަމަޟާން މަސް މި އަހަރު ފެށިފައި ވަނީ ނާޒުކު ޙާލަތެއްގައި އޮތް ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ތަންފީޡު ކުރަމުން ދަނިކޮށެވެ. 15 މަސް ދުވަހު ހަނގުރާމަ ކުރުމަށް ފަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މިދިޔަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ޙަމަލާ ބަދަލު ކުރުން އޮތީ ހުއްޓާލައިފައެވެ. ނަމަވެސް މި ޙާލަތުގައި ވެސް ހިތްހަމަޖެހިލައިގެން ދިރިއުޅެވޭކަމަށް ނެތެވެ. ހަނގުރާމަ ނުކުރި ނަމަވެސް ދެންމެދެންމެ ހަނގުރާމަ އަލުން ފެށިދާނެކަމުގެ ބިރުވެރިކަން އެންމެންގެ ހިތުގައި އޮވެއެވެ. ހަނގުރާމައިގެ ޙާލަތުގައި ކުރިމަތިލާން ޖެހުނު ބިރުވެރި އަދި އުނދަގޫ ޙާލަތްތަކުން އަދިވެސް ވަނީ އަރައި ނުގަނެވިފައެވެ. ލިބުނު ހިތާމަތަކާއި ޒަޚަމްތައް އަދިވެސް ހުރީ ދެންމެ ލިބުނު އަނިޔާއެއް ފަދައިންނެވެ.
އުމުރުން 57 އަހަރުގެ ފާޠިމާ ބުނީ ދިރިއުޅުން މިހާރު ވަރަށް އުނދަގޫ ކަމަށެވެ. އޭނާ ހިތްވަރު ހޯދަނީ ހެއްދެވި ފަރާތަށް ވަކީލު ކޮށް ކަންކަމާ ކުރިމަތިލާ ކެތްތެރިވެގެން ކަމަށް އޭނާ ބުންޏެެވެ. މިއަދު އޭނާގެ މަސައްކަތަކީ ކުރިމަތިވެފައިވާ އުނދަގޫ ޙާލަތުގައި ކޮންމެވެސް ސިފައެއްގައި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޔަހޫދީންނާއި ޙަމާސާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ އަށް ކަނޑައަޅާފައި އޮތީ 42 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ދެވަނަ މަރުޙަލާއެއް ފަށައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ފަހު ވަގުތު ޔަހޫދީން ވަނީ ފުރަތަމަ މަރުޙަލާއަށް އިތުރު 42 ދުވަސް އިތުރު ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އެއާއެކު ޣައްޒާގެ ރައްޔިތުން އަނެއްކާ ވެސް ތިބީ ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. މާދަމާ ކަންތައްތައް ވެގެންދާނެ ގޮތެއް ނޭނގޭތީއެވެ.
ފާޠިމާ ބުނީ އެއްވެސް ހަމަޖެހުމެއް ނެތުމުން އެންމެންގެ ހިތުގައި ވެސް ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. ދާއިމީ ސިފައެއްްގައި ހަނގުރާމަ ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި އޭނާ ހުރި ކަމަށާއި ޙަޔާތުގައި އިތުރު ހިތްދަތިކަން ތަޙައްމަލް ކުރުމަކީ ކުޅަދާނަ ވާނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ޣައްޒާގެ ރައްޔިތުން ރަމަޟާން މަހާ ކުރިމަތިލަމުން ދަނީ ޢާންމު ޙާލަތުގައި ނޫނަސް މިދިޔަ އަހަރު ރަމަޟާން މަހާ ކުރިމަތިލީ އުނދަގޫ ޙާލަތަށް ވުރެ މި އަހަރުގެ މި ހާތަނަށް ކަންކަން ހިނގަމުންދާ ގޮތް ނިސްބަތުން ރަނގަޅެވެ.
ޣައްޒާގެ ރައްޔިތެއް ކަމަށްވާ ޢަމަލް އަބޫ ސާރިޔާ ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައް ވެގެން ދާނެ ގޮތް ބުނަން އެކަކަށް ވެސް ނޭނގޭ ކަމަށެވެ. މުޅި ޣައްޒާ އޮތީ ސުންނާފަދިވެ ބިމާ ހަމަވެފައެެވެ. ޙާލަތު ކިތަންމެ ގޯސް ނަމަވެސް ރޯދައަށް ތިއްބާ ޣައްޒާގެ ރައްޔިތުންނަށް ޢުދުވާނީ ޙަމަލާތައް ދީ ބޮންއަޅައި މީހުން ޝަހީދު ކުރަމުން ދިޔަ ދިޔުން މެދުކެނޑިފައިވާތީ އެއީ ޝުކުރުވެރި ވާންޖެހޭ ކަމެއް ކަމަށް އޭނާ ސިފަ ކުރިއެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޙާލަތު ރަނގަޅުވާ ސަބަބަކީ އެއީ ކަމަށް އޭނާ ބުންޏެވެ.
ޢަމަލް ބުނީ މިދިޔަ ރަމަޟާން މަހު ޣައްޒާގެ ރައްޔިތުން ކުރިމަތިލީ ހަނގުރާމައާއި ގެދޮރު ގެއްލުމާއި ބަނޑުހައިހޫނުކަމާއި ލޭއޮހޮރުުވުންތަކާ ކަމަށެވެ. މިދިޔަ ރަމަޟާން މަހު ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ ގުޅޭގޮތުން ވާހަކަ ދެކެވެމުން ގޮސް ވަކި ހިސާބަކުން އެ ވާހަކަތައް ހުއްޓި އުންމީދު ގެއްލުނު ކަމަށް އޭނާ ބުންޏެވެ. ބަނޑުަހައި ހޫނުކަމުގެ ޙާލަތު އިތުރަށް ގޯސްވެ ދުވަހަކު ވެސް ހަނގުރާމަ ނުނިމޭނެ ކަމުގެ އިޙްސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
މިހާރު ޢަމަލު ކުރަމުންދާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އެތައް ހާސް ރައްޔިތުންނެއް ވަނީ އެ މީހުންގެ އަވަށްތަކަށް އަނބުރާ ގޮސްފައެވެ. ނަމަވެސް އަމިއްލަ ރަށަށް އަނބުރާ ދެވުމުގެ އުފާވެރިކަމަށް އަނެއްކާ ވެސް މި ވަނީ ހިޔަނި އެޅިފައެވެ. ޣައްޒާގެ ރައްޔިތުން ދަނީ ދިރިއުޅުމުގެ ހަޤީޤަތާ ކުރިމަތިލަމުންނެވެ. ދިރިއުޅުން އަދިވެސް ދަތިވެފައި އުނދަގުލެވެ. ފައިސާއާއި ކާބޯތަކެތި ލިބުން އަދިވެސް ފަސޭހަ އެއް ނޫނެެވެ. މި ޙާލަތުގައި ބަރޯސާ ވެވެނީ ހަމައެކަނި ހެއްދެވި އިލާހަށް ކަމަށް ޣައްޒާގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
“އަހަރެެންނަކީ މީހުންނަށް އެހީތެރިވެދީ އުޅުނު މީހެއް. ނަމަވެސް މިއަދު ޙާލަތު ހުރިގޮތުން އަހަރެންގެ އަމިއްލަ ނަފްސަށް އެހީތެރިވުމަށް ވެސް އަހަރެން މި ވަނީ ނުކުޅެދިފައި. ކުރީގައި އަހަރެންގެ ޙާލަތު މިއަށްވުރެ މާ ރަނގަޅު. އޭރު އަހަންނަކަށް އެއްވެސް އެއްޗަކަށް ބޭނުމެއް ނުޖެހޭ. މިއަދު ހުރިހާ ކަމެއް ވެސް މި ވަނީ ހެއްދެވި އިލާހަށް ދޫކޮށްލާފައި,” ޣައްޒާގެ ރައްޔިތެއް ކަމަށްވާ ނަސީރު ޝައިޚު ބުންޏެވެ.
ޖަބާލިޔާ ހުރެ ފާޠިމާ އޭނާގެ ފިރިމީހާގެ ހަނދާން އައު ކުރިއެވެ. ދެމަފިރިން އެކުގައި ރޯދަ ވީއްލި ހަނދާނާއި އޭނާ ނެތުމުން ޙަޔާތަށް އައިސްފައިވާ ފަޅުކަމާއި އެކަނިވެރިކަމުގެ ވާހަކަ ކިޔައިދިނެވެ. ނަމާދު ކުރާ ވަގުތު ފިރިމީހާއަށް ހެޔޮ ދުޢާ ކުރާ ވާހަކަ ބުނެދިނެވެ.
“އަހަރެމެން ބޭނުން ވަނީ ހަނގުރާމައެއް ނޫން. އަހަރެމެން ބޭނުންވަނީ ޞުލްޙަވެރިކަމާއި ސަލާމަތްކަން” ފާޠިމާ ބުންޏެވެ.