ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ގދ. ގައްދޫގައި އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގައްދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.
ގައްދޫގައި ބާއްވާ އިޙްޔާ ފޯރަމް ޚާއްސަކޮށްފައިވަނީ "ނުރަނގަޅު އާދަތައް ދޫކުރުން" މި މަޢުޟޫއުގެ މައްޗަށެވެ. މި ފޯރަމްގައި ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ޢަބްދުﷲ ސަޢުދާނެވެ. މި ފޯރަމް އޮންނާނީ މިރޭ 21:30 ގައި ގދ. ގައްދޫގެ ޓަރފް ވޮލީ ކޯޓުގައެވެ.
އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތަކުގައި އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫ އަދި ރ. މީދޫގައެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭގަނޑެވެ.
• އައްޝައިޚް ޢަލީ ޝަހީދު - ހދ. ނާވައިދޫ - މާރިޗު 7
• އަލްއުސްތާޛު އުސާމް މުހައްމަދު ސައީދު ހއ. ބާރަށް - މާރިޗު 11
• އައްޝައިޚް އިމްތިޠާޢު އައްބާސް - ތ. ގުރައިދޫ - މާރިޗު 14
• އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އަބްދުﷲ ޙަލީލް - ފުވައްމުލަކު ސިޓީ - މާރިޗު 18
• އައްޝައިޚް ނިމާލު މުޙައްމަދު - ނ. މަނަދޫ - މާރިޗު 21
• އައްޝައިޚް އާޒިމް ޚާލިދު - ރ. މީދޫ - މާރިޗު 25
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުރީ އަހަރުތަކޭ އެއްގޮތަށް މި އަހަރުގެ ރަމަޟާންވެސް މަހު މާލޭގައި އަދި އަތޮޅުތަކުގެ ރަށްތަކުގައި ބާއްވާ ފޯރަމްގެ އިތުރުން ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި އަހަރުގެ ސްކޫލް ދަރިވަރުންގެ ފޯރަމްގައި 6 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. ދަރިވަރުންގެ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑެވެ.
އެހެންއަހަރުތަކާ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.