މި އަހަރުގެ ރަމަޟާންމަހު ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ އޮފީސްގަޑިތަކާ ދިމާކޮށް ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމަށާއި، މަގުތަކުގެ ޓްރެފިކް ކުޑަކުރުމަށްކަމަށެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ގެނެސްފައިވާ މި ބަދަލާއެކު މިއަދުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަހައްދުގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 8:00 އަށްވެސް މުދާ އުފުލޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމައެއާއެކު ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގަވެސް މުދާ އުފުލޭނީ މި ގަޑިތަކުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ވިޔަފާރި އުޞޫލުން މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދު ތަކުގައި މުދާ އުފުލުން މަނާ ގަޑިތަކަށްވެސް އެ ވުޒާރާއިން ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން މިއަދުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 9:30 އަށް، އަދި ހަވީރު 16:33 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ބަރު އުޅަނދު ދުއްވުމާއި ގަނޑުކޮށް މުދާ އުފުލުން މަނާވާނެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަމަޟާންމަހުގެ ފަހު 10 ގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އާ ހަމައަށްކަމަށެވެ.
ރަމަޟާންމަހުގެ ފަހު 10 ގައި މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލުން މަނާ ގަޑިތަކަށްވެސް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން ރަމަޟާންމަހުގެ ފަހު 10 ގައި ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00އަށް މުދާ އުފުލުން މަނާވާނެއެވެ.
މުދާ އުފުލުމަށް ހުއްދަ ދީފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރޯދަމަހު އާއްމުގޮތެއްގައި ހުރިހާ ވަގުތުތަކުގައި އަދި ވަކިން ޚާއްޞަކޮށް މެންދުރާއި ހަވީރުގެ ވަގުތުތަކުގައި ކާރޫބާރޫ ބޮޑުވާތީ މި ވަގުތުތަކަށް ޚާއްޞަ އިސްކަމެއްދީގެން ޓްރެފިކް ބެލެހެއްޓުމުގެ ކަންކަން ކަމާގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.