ލޯކަލް ޓުއަރިޒަމަށް ކެނދިކުޅުދޫ ފައްކާކުރުމުގެ ގޮތުން ކެނދިކުޅުދޫ ބްރޭންޑިންގ "ދި މެންގްރޫވް އައިލެންޑް" ގެ ނަމުގައި ރަށް ޕްރޮމޯޓް ކޮށް މާކެޓްކުރަން ފަށާފައިވާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި އުފެދިފައިވާ ޚާއްސަ ޤުދުރަތީ ރީތި ތަންތަން ބަލައިލަން އަންނަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރައްވާ ވަނީ އެ ރަށުގެ ރައްޔިތުންނަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފައްދައިގެން، އެ ރަށުގެ އޮތް އެސެޓުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭގޮތަށް، އިކޯ ޓޫރިޒަމްގެ ފުރުޞަތުތައް ފަހިކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ކައުންސިލް މެމްބަރ ހަސަން މުހައްމަދު ވިދާޅުވީ ލޯކަލް ޓޫރިޒަމަށް ކެނދިކުޅުދޫ ފައްކާކުރުމުގެ ގޮތުން ކެނދިކުޅުދޫ ބްރޭންޑިންގ "ދި މެންގްރޫވް އައިލެންޑް" ގެ ނަމުގައި ރަށް ޕްރޮމޯޓްކޮށް މާކެޓްކުރަން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރުވެސް ޖަރުމަނުވިލާތުގައި ކުރިއަށްދާ އައިޓީބީ ބާލިންގައި ކެނދިކުޅުދޫ ޕްރޮމޮޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން މުހައްމަދު ވިދާޅުވީ، ކެނދިކުޅުދޫގައި ޓުއަރިސްޓުންނަށް ހޯމްސްޓޭ ކުރުމުގެ ހުއްދަ މިހާރު ލިބިފައިވާއިރު، އެރަށުގައި ލަގްޒަރީ ގެސްޓް ވިލާތަކެއް އަޅައި ހިންގުމަށް ހަވާލުކޮށްފައިވާކަމަށެވެ. މިއީ 70 އެނދުގެ ވިލާއެކެވެ. މީގެ އިތުރުން އެރަށުގައި ތަރައްޤީކުރާ ސިޓީ ހޮޓާގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް ކައުންސިލް މެމްބަރު ފާހަގަކުރެއްވިއެވެ. 70 އެނދުގެ މި ސިޓީ ހޮޓާގެ އެއްބައި މަސައްކަތް ނިންމާ މި އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަށު ފަތުރުވެރިކަމާއެކު ރަށަށް އިޤްތިޞާދީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ފައިދާ ކުރާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރަށުގެ ގިނަ ޒުވާނުން މަސައްކަތް ކުރަނީ އެކި ރިސޯޓުތަކުގައި ކަމަށާއި، ސިޓީ ހޮޓަލާއެކު ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށެވެ.
"ރަށުގެ ގިނަ ޒުވާނުން މަސައްކަތް ކުރަނީ އެކި ރިސޯޓްތަކުގައި. އެހެންވީމަ މި ސިޓީ ހޮޓަލާއި، ލޯކަލް ޓޫރިޒަމާއެކު އެކުދިންނަށް އަމިއްލަ ރަށުގައި އާއިލާ ކައިރީ ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭނެ. މިތަންތަނުން އުފެދޭ ވަޒީފާތަކުގެ ތެރެއިން 70 އިންސައްތަ ޚާއްސަ ކުރާނީ ކެނދިކުޅުދޫ ރައްޔިތުންނަށް." ހަސަން މުހައްމަދު ވިދާޅުވިއެވެ.
ހަސަން މުހައްމަދު ވިދާޅުވީ ރަށުގައި ހުޅުވޭ ވިލާއާއި އަދި ސިޓީ ހޮޓާތަކުގައި އުފެދޭ ވަޒީފާތަކުގައި އަންހެނުންނަށްވެސް ޚާއްސަ އިސްކަމެއްދެވިގެންދާނެކަމަށެވެ.
ގުދުރަތީގޮތުން މުއްސަނދިކަމެއް ލިބިފައިވާ ކެނދިކުޅުދޫއަކީ ހިތްގައިމު ރަށެކެވެ. މުޅި ރަށަށް ލިބިގެންވާ އެންމެ ޚާއްސަ އެއް ސިފައަކީ ގިނަ ކުޅިތަކެއް ހިމެނުމެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ސިފައެކެވެ. ގާތްގަނޑަކަށް 207 ހެކްޓަރުގެ މި ރަށުގައި ގުދުރަތީގޮތުން އުފެދިފައިވާ 9 ކުޅި އެބައޮތެވެ. މީގެ ތެރޭގައި 400 ފޫޓުން ފެށިގެން 3000 ފޫޓާއި ދެމެދުގެ ދިގުމިންހުރި 3 ކުޅިއެއް ހިމެނެއެވެ. މި ކުޅިތަކުގައި ކަނޑޫފަލާއި، އާއްމުކޮށް ނުފެންނަ ގިނަ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެކި ބާވަތުގެ ގަސްގަހާގެހި ހިމެނެއެވެ.