މި ނިމުނު ފެބުރުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ފެބްރުއަރީމަހުގެ ފަތުރުވެރިންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބުރުއަރީމަހު ރާއްޖެއަށް ވަނީ 214،091 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއާ އެކު އަހަރުގެ ފުރަތަމަ ދެމަސް ދުވަސްތެރޭ ރާއްޖެއަށް ވަނީ ޖުމްލަ 428،954 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފެބުރުއަރީމަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
- އިނގިރޭސިވިލާތުން : 23،210 ފަތުރުވެރިން
- ޗައިނާ: 21،928 ފަތުރުވެރިން
- ރަޝިއާ: 20،649 ފަތުރުވެރިން
- އިޓަލީ : 19،120 ފަތުރުވެރިން
Tourist arrivals of February 2025.
— Maldives Immigration (@ImmigrationMV) March 6, 2025
For detailed statistics, visit: https://t.co/rDnNaZHxuA pic.twitter.com/sd7Jd8YIGq
މި ނިމުނު ފެބުރުއަރީމަހު ރާއްޖެއަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 16 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 9،518 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ދުވަހެއްގެތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމަހުގެތެރޭ އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް ވަނީ 7،646 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ޖުމްލަ އަދަދުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް ވަނީ 60،000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އަދި ކުޑަ ތަފާތަކާއި އެކު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.