ޚަބަރު

އައިޓީބީ ފެއަރގެ ތެރެއިން އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނާއިއެކު މުހިއްމު މަޝްވަރާތަކެއް


  • މި ބައްދަލުވުންތައް ބާއްވާފައިވަނީ އައިޓީބީ ފެއަރގެތެރެއިން

  • ފަތުރުވެރިން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ބައިނަލްއަޤްވާމީ އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ މިހާރު ޖަރުމަނުވިލާތުގައި ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރގެ ހަވާސާގެ ތެރެއިންނެވެ. ބައްދަލުވުންތަކުގައި އިސްކޮށް ހުންނެވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމެވެ.

އައިޓީބީ ފެއަރގެ ތެރެއިން ވަޒީރު ވަނީ ބްރިޓިޝް އެއަރވޭސް، ކޮންޑޯ އެއަރލައިން،ޤަތަރު އެއަރވޭސްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. ވަކި ވަކިން ބޭއްވި މި ބައްދަލުވުންތަކުގައި ވަނީ އެ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާއި ރާއްޖޭގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ވަޒީރު ތާރިޤުވަނީ ދުބާއީ ނޭޝަނަލް އެއަރ ޓްރެވަލް އެޖެންސީ، ޑީއެންއޭޓީއޭ އަދި ބުކިން ޑޮޑް ކޮމްގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތައް ކުރެވޭނެ މަގު ފަހިކޮށްދިނުމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އައިޓީބީ ފެއަރ ގެތެރެއިން ވަޒީރު ވަނީ ޔޫއެން ޓޫރިޒަމް މިނިސްޓާސް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވަނީ އިންވެސްޓުމަންޓާއި، ސުލްހައާއި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުގައި ވަޒީރު ތާރިޤުވަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ އިދާރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާއި އެކު، ދެމެހެއްޓެނިވި، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ކަމަށެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ތާރިޤް އިބްރާހިމްގެ އަރިހުގައި އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ވަފުދަކުން ވަނީ މިއަހަރުގެ އައިޓީބީ ބަރލިން ފެއަރގައި ބައިވެރިވެފައެވެ.

އައިޓީބީ ބާލިން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިފެއަރ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ.