ވަގުތީގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު މާލޭ ރަސްފަންނު ސަރަޙައްދު އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުވަނީ ރަސްފަންނު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދު ބައްލަވާލައްވާފައެވެ.
ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާ ގުޅިގެން ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ވަގުތީގޮތުން ކުރަންހުރި ކަންކަން ކަމާބެހޭ އިދާރާތަކުން ވަނީ ކޮށްފައެވެ.
މަރާމާތުގެ މަސައްކަތަށް ރަސްފަންނުން ބައެއް ބަންދުކޮށްފައިވަނީ މިދިޔަމަހުގެ ފަހުކޮޅެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީކޮށްފައެވެ. ހަމައެހެންމެ ހަޓުތަކާއި، ބާބަކިޔު ސްޓޭންޑްތަކާއި، ފެންމާގަނޑުތަކާއި، މޫދަށް އެރޭ ސަރަހައްދު ކަމާބެހޭ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ވަނީ ކޮށްފައެވެ.
މާފަންނުގައި ތަރައްޤީކޮށްފައިވާ ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެމިިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.
އެގޮތުން އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ.
ރަސްފަންނު ތަރައްޤީކުރިފަހުން އެތަނަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުން ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަޤުބޫލުވި މަންޒިލެކެވެ. އާއިލާއާއި ރައްޓެހިންނާއެކު އެކި ޢުމުރުފުރާގެ މީހުން ދިޔައީ މިތަން ބޭނުންކުރަމުންނެވެ.
ހަމައެހެންމެ އިޖްތިމާޢީ އެކިއެކި ބޭނުންތަކަށާއި، ތަފާތު ހަރަކާތްތައް ހިންގުމަށްވެސް ރަސްފަންނު ދިޔައީ ބޭނުންކުރަމުންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި މިތަން އެންމެ އެކަށީގެންވާގޮތުގައި މަރާމާތުކޮށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން އެތަނުގައި ޤާއިމުކޮށްފައިވާ ގިނަ ވަޞީލަތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުންނުކުރެވޭ ޙާލަތަށް ގޮސްފައެވެ.
ރަސްފަންނު އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާ ކަމީ އެތަން ބޭނުންކުރާ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން އެތަނުގައި ބައްޓާފައިހުރި ޖޯލިތަކާއި ހަޓްތައް ހަލާކުވެފައި ހުރުމާއި، ޚާއްސަކޮށް މޫސުން ގޯސްދުވަސްވަރު އުނދައެރުމާއި، ފަސްގަނޑު ދަމައިގަތުމާއި، މޫދަށް އެރޭ ސަރަޙައްދަށް ކިސަޑު ޖަމާވެ، ޗަކަވެ ކިލަނބުވުންތައް ކަންކަމަކީވެސް އާންމުންގެ ބޮޑު ޝަކުވާއެކެވެ.
ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ޙާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަމަހުގެ 14 ވަނަ ދުވަހުއެވެ.
ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް…
— Dr Mohamed Muizzu (@MMuizzu) February 14, 2025
ރައީސް ވިދާޅުވެފައިވަނީ މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަމުގައެވެ. އަދި މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުގެ ކުންފުނިތަކާ ގުޅިގެންކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި މަސައްކަތް ކުރަމުންދަނީ ރަމަޟާންމަހުގެ ނިޔަލަށް ރަސްފަންނު މަރާމާތުކޮށް ނިންމާ އާންމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުންކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.