ޚަބަރު

އަސަދަށް ވަފާތެރި ފައުޖުގެ ޙަމަލާތަކެއްގައި 13 ސިފައިން މަރައިލައިފި


ބަޣާވާތަކުން ވެރިކަމުން ދުރުކޮށްފައިވާ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދަށް ވަފާތެރި ހަތިޔާރު އެޅި ގުރޫޕުތަކުން ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ސޫރިޔާގެ ސަލާމަތީ ބާރުގެ 13 ސިފައިން މަރައިލައިފިއެވެ. މިއީ، 2024 ޑިސެންބަރު 8ވަނަ ދުވަހު އަސަދުގެ ސަރުކާރު ވައްޓައިލި ފަހުން އޭނާއަށް ވަފާތެރި ފައުޖުތަކުން ދީފައިވާ އެންމެ ނުރައްކާތެރި، އަދި ލޭއޮހޮރުވުން ބޮޑު ޙަމަލާތަކެވެ.

އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގެން އެގައުމުގެ ހިމާޔަތް ހޯއްްދަވައިފައެވެ. އަސަދު ވެރިކަމުން ދުރު ކުރުމަށް ފަހު އެޗްޓީއެސުން ވަނީ އެ ޖަމާޢަތުގެ ސަރުކާރެއް އެކުލަވައިލައި، އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު އެ ސަރުކާރުގެ އިންތިޤާލީ ރައީސް ކަމުގެ މަޤާމަށް އިސްކޮށްފައެވެ.

އެޗްޓީއެސްގެ ސަރުކާރާ ގުޅުން އޮތް ސޫރިޔާ ޓީވީން ބުނީ، އަސަދަށް ވަފާތެރި ހަނގުރާމަވެރިންގެ ޙަމަލާތައް ދީފައި ވަނީ ސޫރިޔާގެ އައްސޭރިފަށުގައި އޮތް ޖަބްލާ ސަރަޙައްދުގައި ކަމުގައެވެ. އެ ޙަމަލާތަކުގައި ސޫރިޔާގެ ސަލާމަތީ ބާރުގެ 13 ސިފައިން މަރައިލާފައިވާ ކަން ރިޕޯޓު ކޮށްފައި ވަނީ އެ ޓީވީންނެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ސިފައިން މަރައިލައި އިތުރު ސިފައިންގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަން، އަލް-ލާޒިޤިއްޔާ ޕުރޮވިންސުގެ ސަލާމަތީ ދާއިރާގެ ވެރިޔާ މުޞްޠަފާ އަލް-ކިނަޔިފަތީ ވަނީ ކަށަވަރު ކޮށްދީފައެވެ.

އަލް-ލާޒިޤިއްޔާއާއި ޙުއްމުޞްގައި ނުރައްކާތެރި ޙަމަލާތަކެއް

ސޫރިޔާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަކީ އަސަދު ނިސްބަތްވެ ވަޑައިގަންނަވާ އަލް-ޢަލަވިއްޔަތު ނުވަތަ އަލް-ޢަލަވީ ދަރިކޮޅުގެ އާބާދީ ބޮޑު ސަރަޙައްދުތަކެކެވެ. އެ ސަރަޙައްދުތަކަށް ބާރުފޯރުވުމަށް ޝަރާޢުގެ ފައުޖުތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ޢަލަވީ ދަރިކޮޅުގެ މީހުންގެ ފަރާތުން ވަނީ އެ ކަމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

މިއީ، 13 އަހަރަށް ދެމިގެންދިޔަ އަހުލީހަނގުރާމައަށް ފަހު ސޫރިޔާގައި އެއްބައިވަންތަ ކަން ޤާއިމު ކުރުމަށް ޝަރާޢުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މީގެ އިތުރުން، ސޫރިޔާގެ ހުޅަނގުދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެ، އަތްގަދަ ކޮށްފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ގުޅިގެން ވެސް ޝަރާޢުގެ ސަރުކާރަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޔަހޫދީ ފައުޖުން ދަނީ، ޝަރާޢުގެ ފައުޖުތަކަށް އެ ސަރަޙައްދު ދޫކޮށްލުމަށް ފަހު، އެ ބިމުން ފޭބުމަށް ދެކޮޅު ހަދަމުންނެވެ.

ސޫރިޔާގެ ފަރުބަދަމަތީ އައްސޭރިފަށުގެ ސަރަޙައްދުގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށް ޝަރާޢު ވަނީ ގިނަ އަދަދެއްގެ ސިފައިން ފޮނުވަން ފަށާފައެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބުނީ، އަސަދަށް ވަފާތެރި ފައުޖުތަކާއި ސޫރިޔާގެ ސަލާމަތީ ބާރުތަކާ ދެެމެދު ނުރައްކާތެރި ޙަމަލާތަކެއް ބަދަލު ކުރަމުންދާ ކަމުގައެވެ. އަދި، އެ ސަރަޙައްދުގައި އޮތް އަވަށްތަކާއި ރަށްތަކުގައި މަސްރަޙު ހޫނުވެ، ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމުގައެވެ.

އަލް-ޢަލަވީ ދަރިކޮޅުގެ މީހުންގެ ފުރާނައަށް ނުރައްކާ

ލާޒިޤިއްޔާގެ ސަލާމަތީ ދާއިރާގެ ވެރިޔާ ކިނަޔިފާތީ ބުނީ، އަސަދަށް ވަފާތެރި ގުރޫޕުތަކުން ޙަމަލާ ދީފައި ވަނީ ޖަބްލާ ސަރަޙައްދުގައި ޤާއިމު ކޮށްފައިވާ ޗެކްޕޮއިންޓުތަކާއި މަގުތަކުގައި ފޯރިމަރަމުން ދިޔަ ސިފައިންނަށް އަމާޒުކޮށް ކަމުގައެވެ. ޖަބްލާގެ ރަށްބޭރު ސަރަޙައްދުތަކުގައި ދީފައިވާ ޙަމަލާތައް ނިމުމަކަށް ގެނެސް، އެ ސަރަޙައްދުގައި ހިންގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓުރޯލު ކޮށްފައިވާ ކަމުގައި ކިނަޔިފަތީ ބުނި ނަމަވެސް، ޖަބްލާގެ އެތެރޭގައި އަސަދަށް ވަފާތެރި ފައުޖުތަކުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ހަމަނުޖެހުން ހިންގަމުންނެވެ. ކިނަޔިފާތީ ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ.

އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢަލަވީ ދަރިކޮޅުގެ މީހުން ބުނީ، އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު ވެރިކަން ކުރަމުންދާ ޝަރާޢުގެ ސަލާމަތީ ބާރުން އެ މީހުންނަށް އަމާޒުކޮށް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ. މި ގޮތުން، ލާޒިޤިއްޔާއާއި ޙުއްމުޞް ޕުރޮވިންސުގައި ދިރިއުޅޭ ޢަލަވީ ދަރިކޮޅުގެ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށާއި، އެ މީހުންނަށް އަމާޒުކޮށް ޝަރާޢުގެ ފައުޖުތަކުން އަނިޔާވެރިކަން އިސްކޮށްފައިވާ ކަމުގައި ވެސް އެ މީހުން ބުންޏެވެ. ސޫރިޔާގައި ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމަށް ޝަރާޢު ވަޢުދުވެފައިވީ ނަމަވެސް، އެ ކަމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށް ޢަލަވީ ދަރިކޮޅުގެ އިސްވެރިންނަށް ދަޢުވަތު ދީފައި ނުވާ ކަން ވެސް ވަނީ ހާމަވެފައެވެ.