ނިއުކާސަލް ޔުނައިޓެޑުގެ ޑިފެންޑަރު ސްވެން ބޮޓްމަންގެ ކަކުލަށް އިތުރު އަނިޔާއެއް ލިބުމާ ގުޅިގެން ދެ މަސް ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު އެޑީ ހޯވް ބުނެފިއެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި 25 އަހަރުގެ ބޮޓްމަންގެ ކަކުލު ހުޅުގެ ޕޮސްޓީރިއާ ކްރުޝިއޭޓް
ލިގަމެންޓް އިރައިގެން ގޮސް 10 މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅެން ފެށީ މިއަހަރުގެ ޖެނުއަރީގައެވެ. މިހާރު އަނިޔާވެގެން އުޅެނީ އޭރު އަނިޔާވި ކަކޫ ނޫން އަނެއް ކަކުލަށެވެ.
ނެދަލޭންޑްސްގެ ބޮޓްމަންއަށް މި ސީޒަނުގައި ކުޅެވުނީ އެންމެ ފަސް މެޗުގައެވެ. މިފަހަރު ކަކުލަށް ލިބުނު އަނިޔާއާއި ހުރެ އެންމެ ފަހުން ނިއުކާސަލް ކުޅުނު ފަސްމެޗުގައިވެސް އޭނާއަކަށް ނުކުޅެވެއެވެ.
މި އަނިޔާއާއި ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހޭއިރު އޭނާ ދެ މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހެއެވެ. ކުޑަ އޮފަރޭޝަނަކަށްފަހު އޭނާ ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށާއި، 2 މާޗްގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗަށް ބޮޓްމަން ތައްޔާރުވިނަމަވެސް ކަކުލަށް ތަދުވާތީ އޭނާއަށް ނުކުޅެވުނީ ކަމަށް ކޯޗު ބުންޏެވެ.
މާޗް 16 ގައި އޮންނަ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ނިއުކާސަލް ޔުނައިޑެޓް ނިކުންނަ އިރު ނުކުޅެވޭ ކުޅުންތެރިންގެ ލިސްޓުގައި ބޮޓްމަންގެ އިތުރުން ޑިފެންޑާ ލެވިސް ހޯލް އާއި ފޯވާޑް އެންތަނީ ގޯޑަންވެސް ހިމެނެއެވެ.
ހޯލްގެ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި ސީޒަނުގައި އެއްވެސް ވަރަކަށް ނުކުޅެވޭނެއެވެ. ގޯޑަންއަށް ނުކުޅެވެނީ މިދިޔަ ހަފްތާ ބަންދުގައި އެފްއޭކަޕްގެ ފަސްވަނަ ބުރުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރ ޖޭން ޕޯލް ވެން ހެކްގެ މޫނުމަތީގައި ޖެހުމުގެ ސަބަބުންނެވެ.
އެވަޓަންގެ ކުރީގެ ވިންގާ، ގޯޑަންއަށް ވެމްބްލީގައި އޮންނަ ފައިނަލްގައި ނުކުޅެވޭނެ ކަމަށް ނިންމާފައިވާއިރު ނިއުކާސަލް އިން ނިންމާފައިވަނީ އެ މައްސަލަ އެޕީލް ނުކުރުމަށެވެ.
ބްރައިޓަންގެ ވެން ހެކްގެ މޫނުމަތީގައި ޖެހުމުން ގޯޑަންއަށް ރަތް ކާޑު ދައްކާފައިވާތީ ކުރިޔަށް އޮތް ތިން މެޗުގައިވެސް އޭނާއަކަށް ނުކުޅެވޭނެއެވެ.