ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގަމުންދާ އޮޕަރޭޝަނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ގޮވައިލައިފިއެވެ. ރޮހިންޔާއިންއަކީ މިޔަންމާގެ ރާހައިން ސްޓޭޓްގައި ދިރިއުޅޭ މުސްލިމުންގެ ދަރިކޮޅެކެވެ. އޭގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފައި ވަނީ، މިޔަންމާގެ ސަރުކާރާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށެވެ.
އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާއެއް ކަމުގައިވާ ޑަބްލިޔުއެފްޕީން ބުނީ، ބަންގްލަދޭޝްގައި އެ އިދާރާއިން ހިންގަމުންދާ އިންސާނިއްޔަތު ކަމުގެ އޮޕަރޭޝަނަށް ބޭނުންވާ މާލީ އެހީތެރިކަން ނުލިބިއްޖެ ނަމަ، އެ ޤައުމުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދޭ މިންވަރު ކޮންޓުރޯލުކޮށް، މަދު ކުރަން މަޖުބޫރުވާނެ ކަމުގައެވެ. އަދި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައިހޫނުގައި ޖެހިގެންދާނެ ކަމުގައެވެ.
"ބަންގްލަދޭޝްގައި ދިިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ ބޭރުގެ އިންސާނީ އެހީތެރިކަމަށް ބަރޯސާވާ ބަޔެއް. އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ މިިންވަރު މަދު ކޮށްފި ނަމަ، ހައިހޫނުގައި ޖެހި، ފުރާނަ ސަލާމަތް ކުރަން އެ މީހުންނަށް މާޔޫސް ކުރުވަނިވި ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވާނެ،"ޑޮމް ސްކަލްޕެއްލީ، ބަންގްލަދޭޝްގައި ހުންނަވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ގެ ކަންޓްރީ ޑިރެކްޓަރ
މިޔަންމާގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރުން އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2016 އަދި 2017ވަނަ އަހަރުގެ ތެރޭގައެވެ. އެ ޖަރީމާތަކުގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު މަރައިލާފައިވާއިރު، މިޔަންމާގެ އަސްކަރިއްޔާއާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ވަކިތަކުން ސަލާމަތްވުމަށް ރޮހިންޔާ ރެފިއުޖީން ދަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކުރަމުންނެވެ. އެންމެ ގިނަ އަދަދެއްގެ ބަޔަކު ހިޖުރަ ކޮށްފައި ވަނީ ބަންގްލަދޭޝަށެވެ. ރޮހިންޔާ ދަރިކޮޅުގެ މިލިޔަނަކާ ގާތްކުރާ އަދަދެއްގެ ރެފިއުޖީން މި ވަގުތު ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ކަމަށް ބެލެވެއެވެ.
މި ވަގުތު ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ ކޮންމެ މީހަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޑަބްލިޔުއެފްޕީން ދަނީ މަހެއްގެ މައްޗަށް 12 އެމެރިކާ ޑޮލަރު ހޭދަ ކުރަމުންނެވެ. ނަމަވެސް، ޑަބްލިޔުއެފްޕީއަށް އިތުރު މާލީ އެހީ ނުލިބިއްޖެ ނަމަ އޭޕްރިލް މަހުން ފެށިގެން އެ އަދަދު 6 ޑޮލަރަށް ދަށް ކުރަން ޖެހޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި ނިކަމެތީންނާއި ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޑަބްލިޔުއެފްޕީން ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން ކުރިމަތިވެފައި މި ވަނީ ބޭރު ޤައުމުތަކާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިދާރާތަކަށް އެމެރިކާގެ ބޭރުގެ އެހީދޭ އިދާރާ (ޔޫއެސްއޭއައިޑީ)ން ފޯރުކޮށްދެމުން ދިޔަ މާލީ އެހީތެރިކަން މެދުކަނޑައިލުމުން ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ޑަބްލިޔުއެފްޕީން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ އެހީތެރިކަން މެދުކަނޑައިލާފައި ވަނީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
"ބަންގްލަދޭޝްގައި ދިިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ ބޭރުގެ އިންސާނީ އެހީތެރިކަމަށް ބަރޯސާވާ ބަޔެއް. އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ މިިންވަރު މަދު ކޮށްފި ނަމަ، ހައިހޫނުގައި ޖެހި، ފުރާނަ ސަލާމަތް ކުރަން އެ މީހުންނަށް މާޔޫސް ކުރުވަނިވި ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވާނެ،" ބަންގްލަދޭޝްގައި ހުންނަވާ ޑަބްލިޔުއެފްޕީގެ ކަންޓްރީ ޑިރެކްޓަރ ޑޮމް ސްކަލްޕެއްލީ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަޙައްދުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައި އިދާރާތަކުން ހާމަކުރެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތަކެއް ނެތެވެ. އަދި، ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދޭނެ މަގެއް ވެސް ނެތެވެ. މިޔަންމާގެ ރާހައިން ސްޓޭޓްގައި ދިރިއުޅެން ޖެހިފައިވާ ނިކަމެތި ހާލާއި، ހައިހޫނުގައި ޖެހުމާ ގުޅިގެން ހުސްވި އަހަރު ވެސް އެ ސްޓޭޓް ދޫކޮށް 70,000ށްހާ ރޮހިންޔާއިން ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.