ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބާއްވާ 3ވަން ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިރޭ ބާއްވާ އިޙްޔާ ފޯރަމް ޚާއްސަކޮށްފައިވަނީ "އިސްލާމްދީން މަތީ ޘާބިތުވާށެވެ" މި މައުޟޫއަށެވެ. މި ފޯރަމް ތަޤުރީރު ކުރައްވާނީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ހުސައިންއެވެ. މި ފޯރަމް އޮންނާނީ މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އެހެންއަހަރުތަކާ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ބީއެމްއެލް އިސްލާމިކުން ހުށަހަޅާފައިވާ 1500 ރުފިޔާގެ ގިފްޓްކާޑެއް، ދެވަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށަހަޅާފައިވާ 1000 ރުފިޔާގެ ގިފްޓްކާޑެއް، ތިން ވަނައަށްދާ ފަރާތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށަހަޅާފައިވާ 700 ރުފިޔާގެ ގިފްޓްކާޑެއް އަދި 4ވަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށަހަޅާފައިވާ 500 ރުފިޔާގެ ގިފްޓްކާޑެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒަރާއިން އިނާމެއްގެ ގޮތުގައި ރިޔާޟުއްސާލިޙީން އަދި ފިޤުހުއްސުންނާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި ރަމަޟާންމަހު މާލޭގައި ޖުމްލަ 8 އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގެ އިތުރުން އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށްވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމް އޮންނާނީ ގދ. ގައްދޫ، ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭގަނޑެވެ.
އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމަތަކުގެ އިތުރުން އެހެންއަހަރުތަކާ އެއްގޮތަށް ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް މިއަހަރުވެސް ކުރިއަށްގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއަހަރުގެ ސްކޫލްދަރިވަރުންގެ ފޯރަމްގައި 6 ސްކޫލަކުންވަނީ ބައިވެރިވެފައެވެ. ދަރިވަރުންގެ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑެވެ.