މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުން ގާތަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްފިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާޤް ޙަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާފައިވާކަމަށެވެ. އެގޮތުން ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 22:30 އަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 ން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމައިފިން.#Roadhaigeroohu
— Haleem (@22halex) March 9, 2025
މި ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް އާންމުކޮށް ކަނޑައަޅާފައި އޮންނަނީ ހަވީރު 17:00 އަކުން ރޭގަނޑު 20:00 އަށެވެ.
މާލޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތައް ހިންގަމުންދަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުންނެވެ. މީގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލް ހިމެނެއެވެ.