ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް ހުޅުވިގެންދާއިރު އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ވިއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ދެމެދުގައެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، އެމްއޭސީއެލްގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގައި އައު ޓަރމިނަލް ހުޅުވިގެންދާއިރު، ޓެކްސީ ކިއުއަށް އަންނާނެ ބަދަލުތަކާއި، ޓެކްސީ އަދި ހަތަރު ފުރޮޅުލީ އުޅުނދުތައް ދަތުރުކުރާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އިތުރު އުޅަނދުތައް ޕާކުކުރުމަށް އެމްއޭސީއެލުން ހަމަޖައްސާނެ ސަރަހައްދާއި، އެ ސަރަހައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ވީއައިއޭ ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރެއިން ޒަމާނީ ޚިދުމަތްތަކާ ވަޞީލަތްތަކާއެކު ޤާއިމުކުރާ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި މިހާރު ކުރަމުންދަނީ ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވީއައިއޭގެ އައު ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވޭނެކަން އިޢުލާންކުރައްވާފައެވެ.
ވީއައިއޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.