ޚަބަރު

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މެންދުރުފަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި


  • ކަނޑު ދަތުރުކުރާ ފަރާތްތަކާއި ޢާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް އެދޭ

  • ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހުން ފެށިގެން މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުކަމަށާއި، އެސަރަޙައްދުތަކަަށް މިރޭ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، ވަކިން ޚާއްޞަކޮށް މެދުތެރެއާ އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށްށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވަކަމަށް މެޓުން ވިދާޅުވިއެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 17:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާހަމައަށް ހުދު ސަމާލު ނެރެފައެވެ.

ދެކުނުގެ ކަނޑުތައް މަޑުވެފައި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް ވެސް މެޓުން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާ 3 ފޫޓާއި ދެމެދުގައި ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައިކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ޢާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.