ކުރިއަށް އޮތް ދެ މެޗަށްވެސް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކަމަށާއި މިރޭގެ ފަރިތަކުރުންތަކަށްފަހު ސްކޮޑް ފައިނަލް ކުރާނެ ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
އަންނަ ބުދަ ދުވަހު އިންޑިއާ އާއި އެކު ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރުކަމުންދާއިރު ފަރިތަކުރުންތަކާއި ގުޅޭ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާއި ހިއްސާކުރަމުން ތަޖުރިބާކާރު ކޯޗު ސުޒެއިން ބުނީ ގައުމީ ޓީމުގައި ހިމެނޭ މާޒިޔާ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކަމަށާއި، އެހެން ކުޅުންތެރިންވެސް މިދިޔަ ދުވަސްތަކުގައި ކޮންމެސް ވަރަކަށް ފުޓްބޯޅަ ކުޅޭތީ ފިޓްނަސް ރަނގަޅު ކަމަށެވެ.
ރާއްޖޭގެ ފަހުރު، ކަމުގައިވާ ގައުމީ ފުޓްބޯޅަ ޓީމުން މިސަރަހައްދުގެ އެންމެ ވާދަވެރި އިންޑިއާ އާއި އެކު އަންނަ ބުދަ ދުވަހު ކުޅޭ މެޗަކީ އޭޝިއަން ކޮލިފައިންއަށް ތައްޔާރުވުމަށް ރާއްޖެއަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
އިންޑިއާގެ ޝިލޮންގުގެ ޖަވާހިރުލާލޫ ނެހުރޫ ސްޓޭޑިއަމްގައި ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު ގައުމީ ޓީމުން އެނބުރި މާލެ އައިސް ޖެހިގެން އަންނަ ދުވަހު ފުރާނީ ފިލިޕީންސްއަށެވެ. އަދި ފިލިޕީންސް މެޗުގެ ކުރިން ދެ ދުވަހެއްވަރު ފަރިތަކުރަން ރާވާފައިވާ ކަމަށް ކޯޗު ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށް ފިލިޕީންސް އާއި ދެކޮޅަށް ނިކުންނަން ތައްޔާރުވަމުންދާއިރު މިއީ ގައުމީ ޓީމަށް ވަރަށް މުހިންމު މެޗެކެވެ. އަދި މެޗާއި މެދު ގައުމީ ކޯޗާއި ކުޅުންތެރިންގެވެސް އުންމީދު ބޮޑު މެޗެކެވެ.
އިންޑިއާ އަކީ ރާއްޖެއާއި އެންމެ ވާދަވެރި އަދި މި ސަރަހައްދުގެ ފީފާ ރޭންކިންގެ އެއްވަނައިގައިވާ ޓީމެވެ. އެހެންނަމަވެސް ގައުމީ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗަކީ ރާއްޖެއަށް ލިބޭ ރަނގަޅު ތަޖުރިބާއަކަށްވާނެއެވެ.