ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ފަލަސްޠީނުގެ ޣައްޒާއަށް އަނެއްކާ ވެސް ބޮން އަޅައި ހަތަރު މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ސިފައިން ޣައްޒާއަށް ބޮން އަޅާފައި މި ވަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޖަނަވަރީ 19ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުންދާ އެއްބަސްވުން ދެމެހެއްޓުމަށް ޢަރަބި މެދުވެރިންނާއި އެމެރިކާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލި ފަހުން ޣައްޒާއަށް ދީފައިވާ އެންމެ ނުރައްކާތެރި އެއް ޙަަމަލާއެވެ. ޣައްޒާގެ ކުއްލިހާލަތްތަކާ ބެހޭ މަދަނީ އިދާރާއިން ބުނީ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަހަރުގެ މެދުތެރޭގެ ސަރަޙައްދަކަށް ކަމުގައެވެ.
އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ގެންގޮސްފައި ވަނީ އަލް-އަހްލީ އަލް-ޢަރަބީ ބެޕްޓިސްޓް ހަސްފަތާލަށެވެ. ޝަހީދު ކޮށްލާފައިވާ ހަތަރު މީހުންގެ ތެރޭގައި ދެބެއިން ވެސް ހިމެނެއެވެ. ޔަހޫދީ ފައުޖުން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނިރުބަވެރިންނަށް ކަމުގައެވެ. ޔަހޫދީންގެ ނިރުބަވެރިންގެ ގޮތުގައި ސިފަ ކުރަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނަށެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަނީ މިޞްރާއި ޤަޠަރުންނެވެ. ޔަހޫދީ ސިފައިން ޣައްޒާއަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއް ދީފައި މި ވަނީ، ޤަޠަރުގެ ވެރިރަށް ދަވްޙާގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ހުސްވި ހަފުތާގައި ޙަމާސްގެ އިސް އޮފިޝަލުން ވެސް ވަނީ މިޞްރުގެ ވެރިރަށް ޤާހިރާއަށް ދަތުރު ކުރައްވައި، އެ ޤައުމުގެ އިދާރާތަކާ އެކު މަޝްވަރާތައް ބާއްވާފައެވެ. މި ވަގުތު މަޝްވަރާ ކުރަމުން ދަނީ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ފެށުމާ ގުޅޭ ގޮތުންނެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއަށް އަމަލު ކުރަން ފަށާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހުއެވެ. އެ މަރުޙަލާގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާޢަތުތަކެއް ޙަމާސުން ވަނީ ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރުން ހިމެނެއެވެ. ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާ ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 2,000ށްހާ މީހުން މިނިވަން ކޮށްފައިވީ ނަމަވެސް، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ގިނަ ޖަރީމާތަކެއް ހިންގަމުންނެވެ.
އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ އެންމެ ބޮޑު ޖަރީމާއަކީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އެޅުމެވެ. އަދި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ހުއްޓުވުމެވެ. މީގެ އިތުރުން، ޔަހޫދީން ވަނީ ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ވެސް މެދުކަނޑައިލާފައެވެ. މިއާ އެކު، ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ މަގުތައް ވެސް ވަނީ ބަންދުވެފައެވެ. ޔަހޫދީންގެ މައިގަނޑު އަމާޒަކީ ވީހާ ވެސް ގިނަ އަދަދެއްގެ ބަޔަކު ހައިހޫނުގައި ޖެއްސުމެވެ. އަދި، އިތުރަށް ނިކަމެތި ކޮށްލުމެވެ.
15 މަހުގެ މުއްދަތަކަށް ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި 61,700ށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ޢާންމުންނެވެ: ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން ޞިއްޙަތު ބަލިކަށިވެފައިވާ އުމޫރުންނެވެ. އަދި، ޢުދުވާނީ ޙަމަލާތަކުގައި އިތުރު 111,000ށްހާ މީހުން ޒަޚަމު ކޮށްލާފައިވެއެވެ. ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކުގެ ބޮޑު އިންސައްތައެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.