ޚަބަރު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު


  • ދަފްތަރުގައި ހިމެނޭ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެކަމަށްށާއި، މި މައުރަޒުގައި ބައިވެރިވުމަށް އެޕްލައި ކުރާނީ އީފާސް އެކައުންޓް ބޭނުންކޮށްގެން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.


އުފެއްދުންތެރިކަމުގެ މައުރަޒުގައި ހިމެނޭ ކެޓަގަރީތަކަކީ އަތްތެރި މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، ދަތުރުފަތުރު، އިމާރާތްކުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން (ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން)، ފެޝަން އެންޑް ޑިޒައިން، ޖުވެލަރީ އެންޑް އެކްސަސަރީޒް، ހަކަތަ (އެނަރޖީ)، ކާބޯތަކެތި، މެޝިނަރީ އެންޑް އިކްއިޕްމަންޓްސް، ލަކުޑީގެ އުފެއްދުންތައް، ބަހުގެ އުފެއްދުންތައް އަދި އެހެނިހެން އުފެއްދުންތަކުގެ ކެޓަގަރީއެވެ.

މި މައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓެގަރީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، އެވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ގުޅިގެން މައުރަޒުގައި ބައިވެރިވާން ޝައުޤުވެރިކަން ހުރި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަނެއް 13 މާރިޗު ވާ ބުރާސްފަތި ދުވަހުގެ 21:30 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ކުރިއަށްދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދަޅުވިއެވެ.

މުޖުތަމަޢުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންވެފައިވާއިރު، ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ލިބެންޖެހޭ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަތަކެއް ހޯދާދިނުމަށްޓަކައި ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާފައިވާއިރު މިހާތަނަށް 13000 އަށްވުރެ ގިނަ ފަރާތުން ވަނީ މިދަފްތަރުގައި ރަޖިސްޓްރީވެފައެވެ.