ފެބްރުއަރީމަހު އިމްޕޯޓް އެކްސޯޕުޓުން ދައުލަތައް 363 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ ޖަނަވަރީމަހާ އަޅާބަލާއިރު 26.5 އިންސައްތަ އިތުރު އަދަދެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީމަހު އިމްޕޯޓް އެކްސްޕޯޓްއިން އާމްދަނީގެ ގޮތުގައި 363 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ޖެނުއަރީމަހު ކަސްޓަމްސްއަށް ލިބިފައިވަނީ 287 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ނިމިދިޔަ ޖެނުއަރީމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާގެ މުދަލެވެ.
ފެބްރުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސަ، އިންޑިއާ، ޗައިނާ، ސިންގަޕޫރް، އަދި ސްރީލަންކާއިންކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ޤައުމުތަކުން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާޢި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލްކްޓްރިކް ސާމާނެވެ.
މީގެއިތުރުން، މިދިޔަ ފެބްރުއަރީމަހު 223 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު 144 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.
ފެބްރުއަރީމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، އިންޑިޔާ، ވިއެޓްނާމް އަދި ބަގްލަދޭޝްއިންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.
މިދިޔަ ފެބްރުއަރީމަހު މަސްދަޅު ބޭރުކޮށްގެން 36 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފިނިކުރި މަސްބޭރުކޮށްގެން 114 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.