ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އަންހެނުންގެ ޞީއްޙީ ފަރުވާއަށް ޚާއްޞަ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީ އެ ތަންތަން ސުންނާފަތިކޮށް، ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށާއި އެއީ ބަޔަކު ނަސްލުހޭދު ކުރުމުގެ ޢަމަލުތަކެއް ކަމަށް އދން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އދގެ އިންޑެޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއެރީ އޮން ދަ އޮކިއުޕައިޑް ޕަލެސްޓީނިއަން ޓެރިޓޮރީން ނެރެނު ރިޕޯޓުގައި ބުނީ ޣައްޒާގެ ރައްޔިތުން ދަރިމައިވުމުގެ ގާބިލްކަން ނައްތާލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ކަމަށާއި ނިސްބަތަކަށް އެ ކަން ހާސިލް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ނަސްލުހޭދު ކުރުމުގެ ޢަމަލެއް ކަމަށް ރޯމް ސްޓެޓިއުޓް އެންޑް ދަ ޖެނޮސައިޑް ކޮންވެންޝަނުގައި ކަނޑައަޅާފައިވާ ވިހެއުން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ޢަމަލުތައް ވެސް ޔަހޫދީންގެ ކިބައިން ފެނިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. ޔަހޫދީން ޣައްޒާގެ މައި ދަރިމައިވުމާ ގުޅޭ މަރުކަޒަށް ގަސްތުގައި ޙަމަލާ ދީފައިވާ ކަމަށާއި މާބަނޑު މީހުންނަށް ބޭނުންވާ ބޭހާއި ވިހެއުމުގެ ތެރޭގައި ބޭނުންވާ ބޭހާއި އަލަށް ވިހާ ކުދިންނަށް ބޭނުންވާ ބޭސް ޣައްޒާއަށް އެތެރެކުރުމަށް ހުރަސްއަޅާފައިވާ ކަަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ ޣައްޒާގެ އަންހެނުންގެ ހަސްފަތާލުތަކާއި ވޯޑުތަކަށް ޔަހޫދީން ޙަމަލާދީ ސުންނާފަތި ކޮށްފައިވާއިރު އެ ސަރަޙައްދުގައި އެންމެ ފުޅާކޮށް އައިވީއެފްގެ ޚިދުމަތް ދެމުންދިޔަ އަލް-ބަސްމާ އައިވީއެފް ކްލިނިކަށް ވެސް ވަކިން އަމާޒުކޮށް ޔަހޫދީން ޙަމަލާދީ އެ މަރުޖަޒު ސުންނާފަތި ކޮށްލާފައިވާކަމަށެވެ. މަހަކު 3000އަކަށް މީހުންނަށް ޚިދުމަތް ދެމުންދިޔަ އަލް-ބަސްމާ ސެންޓަރަށް 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު ގަސްތުގައި ޔަހޫދީން ދިން ޙަަމަލާގައި އެ ސެންޓަރުގައި ރައްކާކޮށްފައިވާ 4000 އެމްބްރިޔޯ ނެތި ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެ މަރުކަޒު ސުންނާފަތި ކޮށްލާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުން ދަރިމައިވުމަށް ހުރަސް އެޅުމަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
ޔަހޫދީންގެ އެ ޢަމަލުތަކުގެ ސަބަބުންނާއި ހަނގުރާމައިގެ ޙާލަތުގައި ބޭސްފަރުވާ ލިބުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ވިހެއުމުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމުން، އެއީ އިންސާނީ ދަރިފަސްކޮޅެއް ނައްތާލުމަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އދގެ ރިޕޯޓުގައި އިތުރަށް ބުނީ ޔަހޫދީންގެ ޢުދުވާންތަކަށް ކެތްނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސު ޖަމާޢަތުން ޔަހޫދީންނާ ދެކޮޅަށް ދިން ޖިހާދީ ޙަމަލާއާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް ޢަދަބު ދިނުމުގެ ބޭނުމުގައި އަދި އެ މީހުންގެ އިންސާނީ ކަރާމާތް ނަގާލުމުގެ ބެނުމުގައި ޢާންމުންގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބަރަހަނާ ކޮށްފައިވާ ކަމަށާއި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުންނާމެދު ޔަހޫދީން ޢާންމުކޮށް ޢަމަލު ކުރާ ގޮތް ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ޔަހޫދީ ދައުލަތަކީ ނަސްލުހޭދާ ބެހޭ މުއާހަދާ، ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެކެވެ. 2024ވަނަ އަހަރުގެ ޖަނަވަރީ މަހު އަދުލްއިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު، އައިސީޖޭން ވަނީ ފަލަސްޠީނުގައި ކުރަމުންދިޔަ ހަނގުރާމައިގައި ނަސްލުހޭދު ކުރުމުގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ޔަހޫދީންނަށް ޢަމުރު ކޮށްފައެވެ.
އދގެ އިންސާނީކަންކަމާބެހޭ ކުރީގެ ކޯޑިނޭޓަރު މާޓިން ގްރިފިތްސް ވިދާޅުވީ ނަސްލުހޭދަކީ އދން ވަރަށް ފަރުވާތެރިކަމާއެކު ބޭނުންކުރާ ބަހެއް ކަމަށާއި ޔަހޫދީންނާ ގުޅޭގޮތުން އދން އެ ބަސް މިހާރު ބޭނުން ކުރުމަކީ ކުރިއެރުމެއް ކަމަށެވެ. ޔަހޫދީންގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުންކަން ޔަޤީންވާ މިންވަރަށް ހެކި ހުރިއިރު އދގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ހޯދުންތައް ޝާއިއުކުރުން މިހާރު ވެސް މާ ލަސްފެވައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.