އިންސާނާގެ ނިޔަތް ރަނގަޅުނަމަ އޭނާގެ މުޅި ހަޔާތަކީވެސް އަޅުކަމެއްކަމަށް ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޤުބައިދު އަބޫބަކުރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބޭއްވި 4ވަނަ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.
އިޙްޔާ ފޯރަމްގެ ހަތަރުވަނަ ފޯރަމް ޚާއްޞަކޮށްފައިވަނީ "އިސްލާމީ އަޅުކަންތަކުގައި ހިމެނޭ މާއްދީ އަދި ރޫހާނީ ފައިދާ" މި މަޢުމޫއަށެވެ. މި މަޢުޟޫޢަށް ވާހަކަ ދައްކަވަމުން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަުދ ގުބާދު އަބޫބަކުރު ވިދާޅުވީ އަޅުކަމަކީ މާތް ﷲ ރުއްސަވާ އަމަލުތަކާއި ބަސްތައްކަމަށެވެ.
ޝައިޚް ވިދާޅުވީ އިންސާނާގެ ނިޔަތް ރަނގަޅުނަމަ އެމީހެއްގެ މުޅި ހަޔާތަކީ އަޅުކަމެއްކަމަށެވެ. އެހެނީ ހުރިހާ އަމަލެއް ބިނާވަނީ ނިޔަތުގެ މައްޗަށްކަމަށާއި، އެހެންކަމުން އެމީހެއްގެ ނިޔަތް ރަނގަޅުވެއްޖެނަމަ އޭނާގެ މުޅި ހަޔާތް އަޅުކަމަށް ވާނެކަމަށެވެ. ޝައިޚް ވަނީީ އަޅުކަންތަކުގެތެރެއިން ރޯދައިން ދަސްވާ ފިލާވަޅުތަކާއި، ރޯދައިގެ މަތިވެރިކަމުގެމައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އުންމަތުގެ ރަސޫލާ މުޙައްމަދު ޞޢވ ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ އެކިއެކި ޢިބްރާތްތެރި ދަރުސްތައް ޝައިޚް ހިއްސާކުރެއްވިއެވެ.
"އިބާދާތުގެތެރޭގައި ހިމެނެނީ ހުރިހާ އަޅުކަމެއް. ނަމާދު ޒަކާތް ރޯދަ ޙައްޖު، އޭގެއިތުރުން މައިންބަފައިންނަށް އިޙްސާންތެރިވުން، ފަޤީރުންނަށް، ޔަތީމުންނަށް އެހީތެރިވުން، ހަމައެހެންމެ ޖަނާޒާގައި ބައިވެރިވުން. މިހުރިހާ ކަމެއް މި ހިމެނެނީ އަޅުކަމުގެތެރޭގައި. އަޅުކަމޭ ބުނީމާ އަޅުގަނޑުމެން ދެނެގަންނަވީ އިންސާނާގެ މުޅި ހަޔާތަކީ އަޅުކަމެއްކަމަށް ހެދިދާނެ އޭނާގެ ނިޔަތް ރަނގަޅުވެއްޖެނަމަ.: ޑރ. މުޙައްމަދު ޤުބާދުއަބޫބަކުރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންނަނީ ސިލްސިލާކޮށް އިޙްޔާ ފޯރަމްތައް ބާއްވަމުންނެވެ. އެހެން އަހަރުތަކުގެ ރަމަޟާން މަސްތަކަށްވުރެ މިއަހަރު ބާއްވާ އިޙްޔާ ފޯރަމްގެ ޢަދަދު ވަނީ އިތުރުކޮށްފައެވެ. މިގޮތުން މާލެއާއި އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ އިތުރުން ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެންނާއި މުއައްސަސާތަކަށްވެސް ޚާއްޞަކޮށްގެން އަންނަނީ އިޙްޔާ ފޯރަމްތައް ބާއްވަމުންނެވެ.