ވިޔަފާރި

މީރާގެ ޚިދުމަތްތައް އިތުރަށް އޮޓަމޭޓްކޮށް ޒަމާނީކުރަނީ


މީރާއިން މިހާރު ދެއްވަމުން ގެންދަވާ ޚިދުމަތްތައް، މިއަހަރު ނިމުމުގެ ކުރިން އިތުރަށް އޮޓަމޭޓްކުރައްވައި ޒަމާނީކުރައްވާނެ ކަމަށް އެ އޮތޯރިޓީ ހާމަކުރައްވައިފިއެވެ.

މިރާއިން ވިދާޅުވީ އެ އޮތޯރިޓީން ދެއްވަމުން ގެންދަވާ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނޭ މަގު ފަހިކުރެއްވުމަށް މިހާރުވެސް މަޝްރޫޢުތައް ހިންގަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން  ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކަމާއެކު އެތާނގެ ޚީދުމަތް ލިބޭނެ މަގުފަހިކޮށްދެއްވުމަށް، މޮބައިލް އެޕްލިކޭޝަނެއް ދާދި އަވަހަށް ތަޢާރަފުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދާކަމަށް އެ އޮތީރިޓީން ހާމަކުރައްވައެވެ. މީރާގައި ޤާއިމްކުރައްވާފައިވާ އެސް.އޭ.ޕީ ސިސްޓަމުގެ ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމެންޓްގެ ބައި އަންނަ އަހަރު ޤާއިމް ކުރެއްވުމުން، ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން ދެއްވާ ޚިދުމަތްތައް މިހާރަށްވުރެ ފުރިހަމަވާނެ ކަމަށްވެސް މީރާއިން ހާމަކުރައްވައެވެ.

ވޭތުވެދިޔަ އަހަރު، އެ އޮތޯރިޓީން މަސައްކަތް ކުރައްވާފައިވަނީ "ޑިޖިޓަލް އަހަރު" ޝިޢާރުގެ ދަށުންނެވެ. އެއީ، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް މެދުވެރިކޮށް ކުރެވޭގޮތަށް އެތާނގެ މަސައްކަތްތައް ބައްޓަންކޮށް ފުރިހަމަކުރެއްވުމަށްޓަކައެވެ. މިގޮތުން މީރާއިން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކާއި ޕްރޮސެސްތައް "އޮޓަމޭޓް" ކުރައްވައި، ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި މީރާއާ މުޢާމަލާތް ކުރެވޭނެ އިންތިޒާމުތައް ވަނީ ޤާއިމްކުރައްވާފައެވެ. މިދިޔަ 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ނަންގަވަމުން އަންނަ ގްރީން ޓެކްސް ބަލައިގެންނެވުމުގެ ހުރިހާ މަސައްކަތްތަކެއް "އޮންލައިން" ކުރައްވައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކުން އެކަމުގެ ފަސޭހަ މީރާއިން ވަނީ ލިބިދެއްވާފައެވެ. ޓެކްސް ބަޔާނާއި އެހެނިހެން މަޢުލޫމާތު، "މީރާ ކަނެކްޓް" މެދުވެރިކޮށް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު މިދިޔަ އަހަރު ވަނީ ޤާއިމްކުރައްވާފައެވެ.