ޚަބަރު

ކުނި މެނޭޖްކުރާ މަރުކަޒު ތަރައްޤީކުރުމަށް ފެށި މިމަޝްރޫޢަކީ މި ދާއިރާއިން ހިންގާ އެންމެ ބިޔަ މަޝްރޫޢު: ވަޒީރު ޠާރިޤު


  • ޖުމްލަ 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް މިހާތަނަށް ވަނީ ޙަވާލުކޮށްފައި

  • މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާ ވަސީލަތްތައް ޤާއިމުކުރުމަކީ އަމާޒެއް

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފެށި މި މަސައްކަތަކީ މިހާތަނަށް ކުނީގެ މައްސަލައަށް ޙައްލެއް ގެނައުމަށް ތިމާވެށީގެ ދާއިރާއިން ކުރެވޭ އެންމެ ބިޔަ މަޝްރޫޢުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށަކާއި އެކަށީގެންވާ ގޮތުގެ މަތިން ކުނި ކޮށި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ މިހާރު ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މި މަސައްކަތް ކުރުމުގެ މަޝްރޫޢެއް ފައްޓަވާފައެވެ. މިގޮތުން 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމަށާއި، މިހާރުހުރި ބައެއް މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަނީ 3 ކުންފުންޏަކާއި ޙަވާލުކުރައްވާފައެވެ. މިގޮތުން އެމްޓީސީސީން 26 ރަށުގައި، ފެނަކައިން 25 ރަށުގައި އަދި އާރްޑީސީން 24 ރަށުގައި ހުރި ކުނިކޮށީގެ މަސައްކަތް ކުރުމަށްވަނީ ޙަވާލުކޮށްފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކުނީގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. މިގޮތުން މިވަގުތުވެސް 100 އަށްވުރެ ގިނަ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް މުޅިން އަލަށް އަދި ބައެއް ރަށްރަށުގައި ހުރި މަރުކަޒުތައް އިތުރަށް އަޕްގްރޭޑްކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ މިފަދަ އެންމެ ބިޔަ މަޝްރޫޢުކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ އަސްލު ތިމާވެށީގެ އިތުރުން ލޯކަލް ޓޫރިޒަމަށްވެސް މުހިއްމު މަސައްކަތެއް. ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީވެގެންދާއިރު ރަށްރަށުގެ ސާފުތާހިރުކަން ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަރުކާރު ހިއްސާވާ 3 ކުންފުނީގެ ތެރޭގައި ހިމެނޭ އެމްޓީސީސީއާއި ފެނަކަ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުންވަނީ މި 75 ރަށުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި މަހުގެ ތެރޭގައި ސައިޓު މޮބިލައިޒް ކުރުމުގެ މަސައްކަތް ފަށާނެކަން ފާހަގަކުރައްވާ ރަމަޟާން މަހަށްފަހު ޢަމަލީ މަސައްކަތް ފައްޓަވާނެކަން އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.

"ރައީސްގެ ދަތުރުފުޅުތަކުގައި އެންމެ ގިނައިން ރަށްރަށުން އަންނަ އެއް ކަންބޮޑުވުމަކީ ކުނި ކޮށީގެ މައްސަލަ. އެހެންވުމާއެކު މިމަސައްކަތް ޓައިމްލައިންގެ ތެރޭގައި ސިވިލް ހުރިހާ މަސައްކަތެއް ނިންމުމަށް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން." އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.

"އާރްޑީސީން މިމަސައްކަތްތައް މިކުރަނީ މަގު ހެދުމުގެ މަޝްރޫޢުތައްވެސް ހިންގަމުން. އެހެންނަމަވެސް ރައީސްގެ އިސްނެންގެވުމަށް ކުރިއަށް މިގެންދާ މަޝްރޫޢުގެ ދަށުން އާރްޑީސީން މަސައްކަތްކުރާނީ ވީއެންމެ އަވަހަކަށް މަސައްކަތް ނިންމުމަށް." އާރްޑީސީގެ އެމްޑީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސްއަކީ މަސައްކަތުގެ ސްޕީޑު އަވަސްކުރުން. އާދިއްތަ ދުވަހު އަޅުގަނޑުމެން ސައިޓު މޮބިލައިޒްކުރުމުގެ މަސައްކަތް ފަށާނަން. އަމާޒަކީ ރޯދަ ނިމިގެން ޢަމަލީ މަސައްކަތް ފެށޭވަރުކުރުން" ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޠާރިޤް އިބްރާހީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރެވެ.

މި މަޝްރޫޢާއެކު މިހާރު މިވަނީ 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމަށާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި 17 ރަށެއްގެ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުން ބާކީ ހުރި ރަށްރަށުގެ މަސައްކަތް މިހާރު އެކި މަރުޙަލާތަކުގައި ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަޞީލަތް ފޯރުކޮށް ނުދެވޭ ރަށްރަށަށް މިއަހަރުގެ ތެރޭގައި އެ ވަޞީލަތްތައްވެސް ފޯރުކޮށްދެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.