ޚަބަރު

މިދިޔަ ހަފްތާގައި ރާއްޖެއަށް 42،000 އަށްވުރެ ގިނަ ފަތުރުވެރިން، ޖުމްލަ އަދަދު ބައި މިލިޔަނަށް


  • މިދިޔަ ހަފްތާތެރޭ ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 42،743 ފަތުރުވެރިން

  • އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 524،709 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

މި ނިމުނު ހަފްތާތެރޭ ރާއްޖެއަށް 42،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަދަދު ތަކާއި އެކު މިމަހުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް 95،000އަށް ވުރެ ގިނަ ފަތުރުވެރިން މިވަނީ އައިސްފައެވެ.

ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާތެރޭ ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 42،743 ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވާ 44،565 ފަތުރުވެރިންނާ އަޅާ ބަލާއިރު %4 ދަށް އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 524،709 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއަޅާ ބަލާއިރު 5.2 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،384 ފަތުރުވެރިން އާދެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 60،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 3 ޤައުމު

• ޗައިނާ – 65،534 ފަތުރުވެރިން
• ރަޝިއާ- 53،452 ފަތުރުވެރިން
• އިނގިރޭސިވިލާތް – 53،446 ފަތުރުވެރިން

ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.