ރަމަޟާން މަހުގެ ފަހު 15ގެ ޢުމްރާވެރިން މާދަމާ މަދީނާއަށް ދަތުރުކުރާނެއެވެ. ޢުމްރާވެރިން މަދީނާގައި ދެ ރޭ ހޭދަކުރާނެއެވެ. އެއަށްފަހު އެނބުރި މައްކާއަށް އައިސް، އެމީހުންގެ ދެވަނަ ޢުމްރާ ކުރާނެއެވެ.
ޢުމްރާވެރިން މަދީނާއަށް ދަތުރުކުރުމުގެ ކުރިން، ދީނީ މަޢުލޫމާތު ދިނުމާއި އިދާރީ މަޢުލޫމާތު އަދި ސިއްޙީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވާފައެވެ.
މަދީނާ ދަތުރަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މިސްކިތްކޮޅަށް ޒިޔާރަތްކުރުމަށް ކުރާ ދަތުރެކެވެ. ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވި މި ދަތުރުގައި މަދީނާގެ ތާރީޚީ އަދި އާސާރީ ތަންތަނަށް ޒިޔާރަތްކުރާނެކަމަށެވެ.
"ޤުބާ މިސްކިތް، އުހުދު އަދި ހަންދަގު ހަނގުރާމައިގެ މައިދާނަށް ޒިޔާރަތްކުރާނެ. މީގެއިތުރުން ރައުޛާއަށް ވަދެވޭތޯ އެބަ މަސައްކަތް ކުރަން. ރަމަޟާން މަހަކީ ވަރަށް ބާރު ބޮޑު މަހަކަށް ވުމާއެކު، އެޕޮއިންޓްމަންޓް އުސޫލުން މި ވަދެވެނީ." ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވިއެވެ.
ޢުމްރާވެރިން މަދީނާއަށް ދަތުރުކުރާނީ ރޭލުގައެވެ. ކުރިން މި ދަތުރަކީ ބަހުގައި ކުރާ 5 ގަޑިއިރުގެ ދަތުރެކެވެ. ރޭލު ދަތުރަކީ، 2 ގަޑިއިރުގެ ދަތުރެކެވެ.
"ރޭލުގައި ދިއުމުން، ދަތުރުގެ ތަކުލީފު އެބަ ކުޑަވޭ. ދަތުރު އަވަސްވޭ، ހިނގާލާ އުޅެވޭ. ކޭޓަރިންގެ ޚިދުމަތް ލިބޭ. ރެއިލް ސްޓޭޝަނުން ހޮޓަލަށްވެސް 15 ވަރަކަށް މިނެޓުން އެބަ ދެވޭ." ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވިއެވެ.
މަދީނާގައި ޢުމްރާވެރިން ދެ ރޭ ހޭދަކުރާނެއެވެ. އެނބުރި މައްކާއަށް އަންނާނީ 20 ވަނަ ދުވަހު ރޭގަނޑުއެވެ. އެ ރޭ، ފަހު 15ގެ ޢުމްރާވެރިން ދެވަނަ ޢުމްރާ ކުރާނެއެވެ.
ފަހު 15ގެ ޢުމްރާގެ އަޅުކަމަށް 350އަށްވުރެ ގިނަ މީހުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސްފައިވެއެވެ.