ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ.
އޮފީސް ޓެޕްބޯލް މުބާރާތުގައި މި ފަހަރު ހަ ޓީމެއް ބައިވެރިވެފައިވާއިރު، ސިފައިންގެ ކުލަބުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ހަތް ވިކެޓުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކުރުމަށްފަހުއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ގުރުދިމާވުމުން ކަސްޓަމްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެންހެދުނީ 107 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 29 ލަނޑު ހެދި ފައިސަލް އަބްދުލް ސައްތާރާއި، ނުބައިނުވެ ނުވަ ބޯޅައިން 15 ލަނޑު އެއްކުރި މުޙައްމަދު ޝާޒިންއެވެ.
ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައިި ފަހު އޯވަރުގައި ވަނީ 109 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 20 ބޯޅައިން 34 ލަނޑު ހެދި އަބްދުﷲ ޝާހިދާއި، 12 ބޯޅައިން 27 ލަނޑު އެއްކުރި އިސްމާޢީލް ނާޝިދެވެ.
މި މުބާރާތުގެ އެންމެ ގިނަ ލަނޑާއި ވިކެޓް ނަގާފައިވަނީ ސިފައިންގެ ކުލަބުގެ އަބްދުﷲ ޝާހިދެވެ. އަދި އެންމެ ގިނަ ބޯޅަ ހިފާފައިވަނީ އެ ޓީމުގެ އިސްމާޢީލް ނާޝިދެވެ،
ފައިނަލް މެޗަށްފަހު އިނާމު ދެއްވީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓްސް އޮފް މޯލްޑިވްސްގެ ސީއީއޯ ޑރ. މުޙައްމަދު މާހިދު ޝަރީފެވެ. މީގެ އިތުރުން ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީގެ މެންބަރުން ބައިވެރިވިއެވެ.
މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބާއްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިގެންދިޔައިރު، މީގެ ކުރިން ވަނީ ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިފައެވެ. ކާނިވަލުގެ ފަހު މުބާރާތަކީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. އެ މުބާރާތުގެ ކުޅުން މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.